ޑީއާރުޕީގެ ވިޕާ ދެކޮޅަށް ވޯޓު ދިނީ އަސްލު ޑީއާރުޕީ މެންބަރުން: އަލީ ސަލީމް

ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ކުރުމަށް ވޯޓު ދޭން ޑީއާރުޕީން ތްރީލައިން ވިޕް ނެރެފައިވީ އޮއްވައި އެއާ ދެކޮޅަށް މިއަދު ވޯޓު ދެއްވި ޑީއާރުޕީގެ މެމްބަރުންނަކީ "އަސްލު ޑީއާރުޕީގެ މެމްބަރުން" ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް މިރޭ ވިދާޅުވެއްޖެ އެވެ. އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރުމާ ދެކޮޅަށް ވޯޓު ދެއްވި އަލީ ސަލީމް "ދިޓީވީ" ގައި ވިދާޅުވީ ޑީއާރުޕީގެ އަސާސްތައް ދަމަހައްޓާ މެމްބަރުންނަކީ "އަޅުގަނޑާއެކު ބައިވެރިވެގެން ޑީއާރުޕީގެ ވިޕް މުގުރާލި މީހުން" ކަމަށެވެ. އަލީ ސަލީމް ވިދާޅުވީ މިހާތަނަށް ޑީއާރުޕީން ރައްޔިތުންނަށް ތަސްވީރު ކުރަހާދީފައި ވަނީ އެއީ ވަކި އުސޫލުތަކެއް ގެންގުޅޭ، ކަންކަމުގައި ހަރުކަށިކަން ނުގެންގުޅޭ އަދި ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރާ، ރައްޔިތުންނަށް ހެޔޮ އެދޭ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. "މިއީ އަޅުގަނޑުމެން ރައްޔިތުން ގާތު ބުނަމުން އައި ވާހަކަ އަކީ. އަޅުގަނޑުމެންނަކީ ކަންކަމުގައި ހައްދުފަހަނައަޅައި ހަރުކަށިކަން ގެންގުޅޭ ބައެއް ނޫނޭ. ދެފުށް ނުފެންނަ ގޮތަށް ކަންކުރާ ބައެއް ނޫނޭ. އުސޫލުތަކެއް، ހަމަތަކެއް ނެތި އެކި ފަހަރު އެކި ގޮތަށް މަސައްކަތްކުރާ ބައެއް ނޫނޭ. މިހެން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑާ އެކުގައި މިއަދު ޕީޖީ ގުރޫޕުގައި ވޯޓު ދެއްވި މެމްބަރުންނަކީ އަސްލު ޑީއާރުޕީ ބޭފުޅުންނޭ،" ފެށުނީއްސުރެ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ ސަލީމް ވިދާޅުވި އެވެ. އަލީ ސަލީމް ވިދާޅުވީ އޭނާ ވޯޓު ދެއްވީ ޑީއާރުޕީން ގަބޫލުކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ޑީއާރުޕީގެ އެންމެ ސީނިއާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ސަލީމް ވިދާޅުވީ ޑީއާރުޕީގެ މިއަދުގެ ޕާލަމެންޓްރީ ބައްދަލުވުމުގައި އޭނާގެ ވިސްނުން ހާމަކުރައްވައި ވޯޓު ސިއްރު ނުކުރުމަށް ތާއީދު ލިބޭތޯ ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު ޕީޖީން ކަންކަން ނިމުނީ ބޭނުންވި ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. "މިއަދު ވެސް އަޅުގަނޑު ތަކުރާރުކޮށް ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި ތަކުރާރުކޮށް ދެންނެވިން ގައުމީ މަސްލަހަތު އިސްކުރަމާ ހިނގާށޭ. އަޅުގަނޑުމެން ހިނގާށޭ ރައްޔިތުންގެ ވިންދާއި އިހުސާސްތައް ދެނެގަންނަން. ޑީއާރުޕީ އުފެދި އަޅުގަނޑުމެން ރައްޔިތުންނަށް މި ބްރޭންޑް ކުރާ އަސާސްތައް ހިފަހައްޓަން. ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި ކަންކަމުގައި ހަރުކަށި ނުވުމާއި ހަމަ އާއި އުސޫލު ގެންގުޅުމާއި އެކި ފަހަރު އެކި ބަސް ނުބުނުމާއި ބުނާ ކޮންމެ ބަހެއްގައި ތިބުމާއި މި ކަހަލަ ހަރުދަނާ އަސާސްތައް އަޅުގަނޑުމެން ހިފަހައްޓަމާ ހިނގާށޭ. އެހެން ނޫން ކަމަށް ވަންޏާ ޕާޓީ އަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ އޭ. މިއަދު ދެން އަޅުގަނޑު ބުނާކަށް ނެތިން އެ ވާހަކައެއް. ތި ބޭފުޅުން ތި ވިދާޅުވަނީ. އަޑު އައްސަވާ ބޭފުޅުން އަޑު އައްސަވަމުން ގެންދަވަނީ. ހިތާމަހުރި ކިތަންމެހާ ވެސް،" ޑީއާރުޕީގެ އިސް ބައެއް މެމްބަރުން، އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން ފެންނަ ކަމަށް ވޯޓު ދެއްވުމުން "ދިޓީވީ" ގައި ފާޅުކުރި ހިތްހަމަނުޖެހުމުގެ ޝުއޫރުތަކަށް އިޝާރާތް ކުރައްވައި އަލީ ސަލީމް ވިދާޅުވި އެވެ. ޑީއާރުޕީގެ ބޮޑު ތާއީދެއް އޮތް ފުނަދު އަށް ނިސްބަތްވާ އަލީ ސަލީމް ވިދާޅުވީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޑީއާރުޕީ އަކީ މެދުމިނުގެ ސިޔާސަތުތަކެއްގައި ދަތުރުކުރަމުން ދިޔަ އަދި ތައުލީމީ އެތައް ބަޔަކު ގަބޫލުކުރާ ޕާޓީއެއް ކަމަށެވެ. އެކަމަކު "ހެދޭ އެންމެ މިސްޓޭކަކުން ވެސް ބޮޑު ގެއްލުންތަކެއް ވެދާނެ" ކަމަށް އަލީ ސަލީމް ވިދާޅުވި އެވެ. "މިއަދު ޑީއާރުޕީ ވަރަށް ބޮޑަށް ވިސްނަންޖެހޭ. މިއަދު އަޅުގަނޑު ވެސް ޑީއާރުޕީ މެމްބަރެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ،" އޭނާ ވިދާޅުވި އެވެ. އަލީ ސަލީމް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން ފާސްވުމަކީ އެމްޑީޕީގެ "ހަރުކަށި ސިޔާސަތުތައް" ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ފުރުސަތެއް ކަމަށެވެ. އަދި އެމްޑީޕީން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ ސަރުކާރު ހިންގުން ހުއްޓުވާލައި ސަރުކާރުގެ މީހުންނަށް ބިރު ދައްކަން ކަމަށެވެ. އެކަމަކު ސަރުކާރާއެކު ކޯލިޝަން ހަދައިގެން ތިބި މީހުން، ސަރުކާރުގެ "ފިޔަ ކޮށާލާކަށް" ނުވަތަ ސަރުކާރުގެ "ބަނޑު ބިންމަތީގައި ޖައްސާކަށް" ޖާގަ ނުދޭނެ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑީއާރުޕީން ވެސް އެ ޖާގައެއް ނުދޭނެ އަދި މިއަދު ވޯޓު އެހެން ވެގެން ދިޔައެއް ކަމަކު. އެހެންވީމާ އެމްޑީޕީ ހިތު ހުރިހާ ގޮތަކަށް މަޖިލިސް ތެރޭގައި ސަރުކާރާ ކުޅެލުމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ސަރުކާރު ދިފާއުކުރުމަށް އޮތް ތަނަކަށް އަރައިގެން ވެސް ސަރުކާރު ދިފާއު ކުރުމުގެ މަސައްކަތް މަޖިލިސް ތެރޭގައި، މިއަދު މި ގައުމު އޮތް ހާލަތުން ރައްޔިތުންނަށްޓަކައި، ގައުމަށްޓަކައި ކުރާނަން،" އަލީ ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑީއާރުޕީ އޮތީ ސަރުކާރާއެކު ކޯލިޝަން ހަދައިގެން ކަމަށްވާއިރު ސަރުކާރު ބަލިކޮށްލަން އެމްޑީޕީން ކުރާ މަސައްކަތެއްގައި ޑީއާރުޕީން ބައިވެރިވެގެން ނުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ހުންނެވިހާ ދުވަހަކު ސަރުކާރު ދެމެހެއްޓުމަށްޓަކައި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް އަލީ ސަލީމް ވިދާޅުވި އެވެ. "ސަރުކާރަކުން އަދި ސަރުކާރު ދޫކޮށްލާފައި ނުކުންނަ ވަރުގެ، ރައްޔިތުންގެ މަޖިލީހުގައި ތަޅާފޮޅައި ގަންނަވަރުގެ ގޯހެއް ނަހަދާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. އެ ހަދައިގެން އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާ ކުރެވިފައެއް ނެތް. ކައުންސިލްގައި މަޝްވަރާ ކުރެވިފައެއް ނެތް. އެހެން ކަމަށް ވަންޏާ އަޅުގަނޑަށް މަޖުބޫރުވޭ އަޅުގަނޑު ބައިވެރިވާ ސަރުކާރު، އަޅުގަނޑުގެ ޕާޓީ ބައިވެރިވާ ސަރުކާރު ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރުމަށް. އެއީ ރައްޔިތުން ވެސް އެދޭ ގޮތް،" އަލީ ސަލީމް ވިދާޅުވި އެވެ. މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން ޑީއާރުޕީން ވޯޓު ދެއްވީ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ އާއި ތަސްމީންގެ ކޮއްކޮ އަލިފުށީ ދާއިރާގެ މުހަންމަދު ނާޝިޒާއި އޭނާގެ އަނބިކަނބަލުން ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް އާއި ހިތަދޫ މެދު ދާއިރާގެ ހަސަން ލަތީފާއި ކެލާ ދާއިރާގެ ޑރ. އަބްދުﷲ މައުސޫމާއި މަތިވެރީ ދާއިރާގެ ހުސެއިން މުހަންމަދު އަދި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ