އަބްދުލްކަރީމާއި ޑރ. އަލީ ޝަމީމު އެޗުއާރުސީއެމަށް އައްޔަންކުރައްވައި މަގާމުގެ ހުވާކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރެއްވި އަޙްމަދު ޢަބްދުލްކަރީމާއި ޑރ. އަލީ ޝަމީމު އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޢައްޔަން ކުރައްވައިފި އެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އެ ދެބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އެ ދެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފެވެ.  އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވި އެވެ. އެއަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ވަރަށް ގިނަ އަނިޔާތަކެއް ލިބިފައިވާކަމުގެ ޝަކުވާ އެ މަނިކުފާނަށް އެކި ފަރާތްތަކުން ހުށަހަޅަމުން ގެންދާ ކަމަށާއި މިއީ މި ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ ހަމަޖެހުމަށް ޙައްލެއް ހޯދެން އަންނަނީ، މި ޝަކުވާތަކަށް ޖަވާބު ދެވިގެން ކަމަށް ވިދާޅުވެ، ހިއުމަން ރައިޓްސް ކޮމިޝަނުން މި ވާޖިބު އަދާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ