ޔާމީން ވެރިކަމަށް ގެންނަން 20 މިލިއަން ރުފިޔާ ހަރަދުކުރިން: ގާސިމް
ޕީޕީއެމާ އެކު ހެދި ކޯލިޝަންގެ ދަށުން މިހާރުގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި 20 މިލިއަން ރުފިޔާ ހޭދަކުރެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. މ. ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯލިޝަން އެއްބަސްވުމުގައި ބުނެފައި އޮންނާތީ، މިދިޔަ ރިޔާސީ އިންތިޚާބުގައި 20 މިލިއަން ރުފިޔާ ހޭދަކުރެއްވި ކަމަށާއި އޭގެ ތެރެއިން ބައެއް ފައިސާ ޔާމީނާއި ނައިބު ރައީސް މުހައްމަދު އަހުމަދު ޖަމީލް އަހުމަދު ވިދާޅުވެގެން ދެއްވި ކަމަށެވެ. އަނެއް ބައި ފައިސާ ހޭދަކުރެއްވީ ޔާމިނަށް ކެމްޕެއިން ކޮށްދެއްވުމަށް ޖޭޕީގެ މެމްބަރުން އެކި ރަށްރަށަށް ފޮނުވުމަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް 20 މިލިއަން ރުފިޔާ އަށް ވުރެ މަދު ނޫން އަދަދެއް ޕީޕީއެމަށް ހަރަދު ކުރެއްވި ކަމަށެވެ. އޭގެ ތެރެއިން އެއްބައި ސީދާ މެމްބަރުންނަށް ދެއްވި އިރު ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަނީ 20 މިލިއަން ރުފިޔާ އަށް ވުރެ މަދު ނޫން އަދަދެއް އެބޭފުޅުންގެ މެންބަރުންނަށާއި އަދި ރައީސް މައުމޫންގެ އަތްޕުޅަށާއި ރައީސް ޔާމީންގެ އަތްޕުޅަށް ފޮނުވާފައި. އެހެންވީމާ އެބޭފުޅުން އަރިހަށް ގަނޑުކޮށް ފޮނުވި ލާރި އާއި އެބޭފުޅުންގެ މެންބަރު ކަމުގައި ކުރިމަތިލައްވައިގެން ތިއްބެވި ކެންޑިޑޭޓުންނަށް އަޅުގަނޑު ވަނީ ދީފައި،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ގޮތުން ފައިސާ ދެއްވި ބޭފުޅުންގެ ތެރެއިން ނުހޮވުނީ އޭރު ކިނބިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި މޫސާ ޒަމީރު އެކަނި ކަމަށެވެ. "އެއިން އެއްވެސް ބޭފުޅަކު އަޅުގަނޑުމެން ޕާޓީއަކަށް ސޮއެއް ނުކުރޭ. އަޅުގަނޑުމެންނަށް ސޮއިކުރާކަށް އަޅުގަނޑުމެން ނުވެސް އެދެން. އެއީ އިހުލާސްތެރިކަމާ އެކު މި އެގްރީމަންޓުގެ ރޫހާ އެއްގޮތަށް މަސައްކަތްކުރުމަށްޓަކައި އަޅުގަނޑުމެން ދީފައިވާ އެހީތެރިކަމެއް،" ގާސިމް ވިދާޅުވި އެވެ. މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ވާދަކުރެއްވި މައްސަލާގައި ޕީޕީއެމުން ބުނެފައި ވަނީ ޖޭޕީން އެއްބަސްވުމާ ހިލާފުވުމުން އެ އެއްބަސްވުން އުވިފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ނަމަވެސް ޖޭޕީން ވެސް އަދި މިއަދު ގާސިމް ވެސް ތަކުރާރުކޮށް ވިދާޅުވީ އެއްބަސްވުން އުވިގެން ގޮސްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއްބަސްވުމާ ހިލާފުވީ ޕީޕީއެމުން ކަމަށެވެ. ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ދެ ބޭފުޅުން ކަމަށްވާ މިލަންދޫ ދާއިރާގެ ހުސެއިން މުފީދު އަބްދުލް ގާދިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހަސަން އަރީފް ޕީޕީއެމަށް ރޭ ސޮއިކުރެއްވުމާ ގުޅިގެން ވެސް ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ވެސް ދައުރު ނިމެންދެން ޖޭޕީގައި ތިއްބަވާނެ ކަމަށް ވައުދުވެ ހުވާކުރައްވައި އެއްބަސްވުމެއްގައި ސޮއިކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުން މެމްބަރު ކަމަށް ގެނައުމަށްޓަކައި ހޭދަ ވެސް ކުރެއްވި ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އަޑުއިވެމުންދަނީ މިތައް މިލިއަން ރުފިޔާ ދިނީމައޭ، މީހަކަށް ދިހަ ވަރަކަށް މިލިއަން ރުފިޔާ ދީގެންނޭ ބަދަލުވެގެން ދިޔައީ،" ޖޭޕީގެ މަޖިލިސް ދެ މެމްބަރަކު ރޭ ޕީޕީއެމަށް ސޮއިކުރެއްވި ކުރެއްވުމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ. ޖޭޕީގެ ސްލޮޓްގައި ވަޒީރުކަމަށް ވަޑައިގަތް ނަމަވެސް ކޯލިޝަން އެއްބަސްވުން ރޫޅުމާ ގުޅިގެން، ޕީޕީއެމަށް ސޮއިކުރެއްވި މިނިސްޓަރުން އެ މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ވަޒީރުކަމަށް ވަޑައިގެންނެވުމަށް ޖޭޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު މިއަދު ގޮވައިލެއްވި އެވެ. ކުރިން ޖޭޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ. "އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ވަޒީރުން ކަމަށް އަދިވެސް. ޝަރަފުވެރި އެންމެ ރީތި ގޮތަކީ ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޕީޕީއެމަށް ސޮއިކުރައްވައި އަލުން ވަޒީރުކަމަށް ވަޑައިގަތުން. އެއީ އެންމެ ޝަރަފުވެރި ގޮތަކީ. މަގާމުގައި ދެމި ހުންނަ ކަމުގައި ވަނީ ނަމަ، ޕީޕީއެމްގައި އެ ތިބެނީ ޖޭޕީގެ ސްލޮޓްގައި އަދިވެސް،" އިލްހާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ