ސަލާމް ބުނެގެން ފައިސާ އުނި ނުކުރަން އޭޖީ އޮތީ ސީއެސްސީ އަށް ކުރިން ލަފާ ދެއްވާފައި

ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުންޏަސް ސާވިސް އެލަވަންސުން ފައިސާ އުނި ނުކުރެވޭނެ ކަމަށް ބުނެ އެ ބައި ގަވާއިދުގައި ނުހިމަނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ކުރިން ލަފާ ދެއްވާފައިވާކަން "ހަވީރަ"ށް އެނގިއްޖެ އެވެ. މިދިޔަ ޑިސެމްބަރު މަހު އަމަލުކުރަން ފަށާފައިވާ ސިވިލް ސާވިސްގެ އާ ގަވާއިދު ބުނާގޮތުން ސިވިލް ސާވަންޓުން ސަލާމް ބުނާ ދުވަސްތަކަށް ވެސް ސާވިސް އެލަވަންސުން ފައިސާ އުނިކުރަންޖެހޭނެ އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް ލަފާ ދެއްވީ ސިވިލް ސާވިސްގެ އާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭޖީ އެގޮތަށް ލަފާ ދެއްވީ އެ ގަވާއިދާ މެދު އޭޖީގެ ލަފައަކަށް ސީއެސްސީން އޭޖީ އޮފީހުގައި އެދުމުންނެވެ. ސީއެސްސީއަށް ލަފާ ދީ، އޭޖީ އޮފީހުން ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް "ހަވީރަ"ށް ލިބިފައިވާއިރު އެ ސިޓީގައިވާ ގޮތުން ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ކުރުމަކީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފް ކަމެއް ކަމަށް އޭޖީ އަނިލް ދެކެވަޑައިގަންނަވަ އެވެ. އެހެންވެ ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ކުރެވޭނެ ކަމަށް ބުނާ ބައި ގަވާއިދުން އުނިކުރަން އަނިލް އެދިވަޑައިގަންނަވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެކަންކަން އިސްލާހުކުރަން ވެސް ސީއެސްސީގެ އޭރުގެ ރައީސް ޑރ. މުހައްމަދު ލަތީފަށް ފޮނުވާފައިވާ އެ ސިޓީގައި ލަފާ ދީފައިވެ އެވެ. "ގަވާއިދުގެ 160 ވަނަ މާއްދާގެ ހ. ގައި މުވައްޒަފަކު ސަލާމުގައި ހުންނަ ދުވަހަށް ސާވިސް އެލަވަންސުން ދުވަހަށް ޖެހޭ އަދަދު ކަނޑަންވާނެ ކަމަށް ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާއިން ލިބިދޭ ހައްގަށް އުނިކަން އަންނަ ފަދަ ގޮތަކަށް އަދި އެ ގާނޫނުގެ 54 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ ގަވާއިދުގެ 160 ވަނަ މާއްދާގެ ހ. ގެ ދެވަނަ ޖުމްލަ އުނި ކުރެއްވުން ރަނގަޅު ކަމަށް ފެނެއެވެ،" ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް ފާތިމަތު ހަލީމް ސޮއި ކުރައްވާފައިވާ އެ ސިޓީގައިވެ އެވެ. މީގެ އިތުރުން ސިވިލް ސާވަންޓުން ރަސްމީ ގަޑީގައި އޮފީހުގައި ތިބެގެން ސިޔާސީ ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް އެ ގަވާއިދުގައި އޮތް އޮތުމަކީ ވެސް ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމަކާ ޚިލާފް ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ނުކުރަން އޭޖީ އަނިލް ސީއެސްސީ އަށް ލަފާ ދެއްވިއިރު އޭޖީ އޮފީހުގެ މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ނުކުރަން އަނިލް ވަނީ އަންގަވާފަ އެވެ. އަނިލް އެގޮތަށް އޭޖީ އޮފީހަށް އެންގެވީ ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިދިޔަ މަހުގެ ތެރޭގައި ނިންމުމުންނެވެ. ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ކުރެވޭނެ ކަމަށް ބުނާ މާއްދާ ބާތިލްކުރަން މީހަކު ހައި ކޯޓަށް މިހާރު ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ ކޯޓުން މިހާރު ބަލައިގެންފައިވާ އެ މައްސަލާގައި ދައުލަތުން ޖަވާބުދާރީވާން ޖެހޭނީ ވެސް އޭޖީ އޮފީހުންނެވެ. ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިޔަސް ސީއެސްސީން ބުނެފައިވަނީ އެ ނިންމުން ގަބޫލު ނުކުރާނެ ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ