ލަދު ގަންނަން ބޭނުން ނުވާ ނަމަ ނާޒިމުގެ މައްސަލަ އަނބުރާ ގެންދިއުމަށް މައުސޫމު ގޮވާލައްވައިފި

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ލަދު ގަންނެ ޕާޓީގެ އާއްމު މެމްބަރުން މާޔޫސް ކޮށްލަން ބޭނުން ނުވާ ނަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ޑީއާރުޕީ ޕީޖީގެ ނައިބު ލީޑަރު ޑރ.އަބުދުﷲ މައުސޫމު ގޮވާލައްވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން މައުސޫމު މިރޭ ވިދާޅުވީ ޑިފެންސް މިނިސްޓަރު ނާޒިމުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނީ ޒާތީ ޖަޒުބާތެއްގައި ކަމަށާއި އެއީ ސަރުކާރަށް ޖެއްސުންކޮށް މަޖިލީހުގެ ވަގުތު ބޭކާރުކޮށްލަން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެމްޑީޕީން ގަބޫލުކޮށްގެން ނުވާނެ ޖަޒުބާތުގައި އެމީހުން ކުރާ ކޮންމެ ކަމަކަށް ޑިއާރުޕީން ތައިދު ކުރާނެ ކަމަށް. އެކަށިގެންވާ ސަބަބުތަކެއް ހުރި ނަމަ އަޅުގަނޑުމެން ތާއިދު ކުރާނަން. އެކަމަކު ނެތް ސަބަބެއް" މައުސޫމު ވިދާޅުވިއެވެ.
"30 އަހަރާއި 3 އަހަރުގެ ޖަޒުބާތުގައި މަޖިލީހުގެ ވަގުތު މާގިނައިން ބޭކާރު ކުރެވިއްޖެ. ދެން އަޅުގަނޑުމެން ބޭނުންވަނީ ގައުމާއިގެން 30 އަހަރާއި 3 އަހަރާއި ދުރަށްދާން. އެއަށް ވުރެ ޒިންމާދާރު މަސައްކަތްތަކެއް މަޖިލީހުން ކުރެވެން ޖެހޭ" މައުސޫމު ވިދާޅުވިއެވެ.
މައުސޫމު ވިދާޅުވީ އެމައްސަލާގައި ޑީއާރުޕީން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް ޑިއާރުޕީ ޕީޖީ ގެ ވިންދަކީ ވަގުތު ބޭކާރު ނުކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ