ސުޕްރީމް ކޯޓަށް އައްޔަންކުރަން ދެ ބޭފުޅެއްގެ ނަން މަޖިލީހަށް

ސުޕްރީމް ކޯޓަށް އައްޔަންކޮށްދިނުމަށް އެދި ދެ ބޭފުޅެއްގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވީ އަލީ ރަޝީދު ހުސައިންއާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަންފުޅެވެ. މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ ޖޭއެސްސީގެ ލަފަޔާއެކު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދަފްތަރު. ނަންބަރު 2302 އޛ.ޢަލީ ރަޝީދު ޙުސައިން އާއި ހދ.ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުޙައްމަދު އިބްރާހީމް ޢައްޔަންކުރުމަށް ޖޭއެސްސީއިން މަޝްވަރާ ދެއްވާފައިވާތީ، ދެބޭފުޅުންގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން.
— Ibrahim Mohamed Solih (@ibusolih) August 19, 2020
މީގެތެރެއިން ގާޒީ އަލީ ރަޝީދު ހުސައިން އަކީ މިހާރު ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅާއެވެ. ގާޒީ އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލާ ހުކުމް އިއްވި ފަނޑިޔާރު ވެސް މެއެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.
ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، ދެ ފަނޑިޔާރުންގެ މަގާމު އޮތީ ހުސްކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ