ފެނަކައަށް ވުރެ އަގުހެޔޮކޮށް ކަރަންޓް ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި

ފެނަކަ ކޯޕަރޭޝަނަށް ވުރެ އަގު ހެޔޮކޮށް، ކަރަންޓް ދޭނެ ބަޔަކު ހޯދަން އިއުލާން ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، ކަރަންޓްގެ ހިދުމަތަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށާއި، އެ ގާނޫނުގެ ދަށުން އައްޑުއަށް ކަރަންޓް ދޭނެ ފަރާތެއް ހޯދަން އިއުލާން ކުރެވޭނެ ކަމަށެވެ.
ފެނަކައިން ހިދުމަތް ދޭން އުޅެނީ ރައްޔިތުންނަށް ކުޅަދާނަވާ ވަރުގެ އަގެއްގައި ނޫންކަމަށާއި، މިއީ ސީރިއަސް މައްސަލައެއް ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ފެނަކަ އަށް ރައްޔިތުން އަތްފޯރާ އަގެއްގައު ހިދުމަތް ނުދެވޭ ކަމަށް ވަންޏާ ހުއްޓާލަންވީ ކަމަށާއި، ކައުންސިލުން އެކަން ކުރެވޭ ވަރުގެ ބަޔަކު ހޯދައިގެން އެކަން ކުރަން ތައްޔާރަށް ތިބިކަމަށް ވެސް ކައުންސިލުން ބުންޏެވެ.
"އިންޖީނުގޭގައި ހުރި ވަސީލަތްތަކާއެކު ފެނަކަ އިން ހިދުމަތް ދޭ ވަރަށް ވުރެ މާ ރަނގަޅަށް އެހެން ބަޔަކަށް ވެސް ހިދުމަތް ދެވޭނެ" ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވަނީ، ފެނަކައިން މިހާރު އައްޑޫގައި ހިންގާ އިންޖީނުތައް ވެސް ކައުންސިލްގެ ދަށަށް ގެނައުމަށާއި އެ ކުންފުންޏަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގާގޮތަށް ނިންމާފައެވެ.
އަދި މިދިޔަ މަހުގެ ކަރަންޓް ބިލް ނުދެއްކުމަށް ވިޔަފާވެރިންނަށް އެންގުމަށް ވެސް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އަދި ކަރަންޓް ބިލްގެ މައްސަލަ ކޯޓާ ހަމައަށް ގެންދަން ޖެހިއްޖެނަމަ އެކަންވެސް ކުރަން ތައްޔާރަށް ތިބިކަމަށް، ވެސް ކައުންސިލުން ބުންޏެވެ.
މީގެއިތުރުން ކައުންސިލުން ވަނީ، ކަރަންޓް ބިލަށް ގެނައި ބަދަލާ ގުޅިގެން އައްޑޫގެ ވިޔަފާވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އަގަށް ގެނައި ބަދަލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ