ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑު މުހައްމަދު ނާޒިމް ފުލުހުންގެ ބަންދުން ދޫކޮށްލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
"ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން" އެ ނަމުގައި އެމްޑީޕީއާ ޖުމްހޫރީ ޕާޓީ ގުޅިގެން މާފަންނު ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފަޅުދައްކަވަމުން ގާސިމް ވިދާޅުވީ ނާޒިމް ދޫކޮށްލުމަށް ވަރަށް އިޚްލާސްތެރިކަމާ އެކު ދަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ މިހާރު ހައްޔަރުކުރުމުގެ ވަގުތު ފާއިތުވެއްޖެ ކަމަށާއި، ނާޒިމު ހައްޔަރު ކުރުމާ ގުޅިގެން ފުލުހުންގެ އަގު ދިވެހި ރައްޔިތުންގެ ކުރިމަތީ ވެއްޓިގެން ދާ ކަމަށެެވެ.
"މިހާރު ވަގުތު ފާއިތުވެއްޖެ ހައްޔަރު ކުރުމުގެ. ތިބޭފުޅުން ގޯހެއް ހައްދަވާފައި. ދެން އިތުރު އަނެއްކާވެސް އެގޯސް ހެއްދެވީމަ ތިބޭފުޅުންގެ އަގޭ ވެއްޓިގެން ދަނީ. ދިވެހި ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓިގެން ދަނީ. އެކަހަަލަކަންތަށް ނުކުރައްވާށޭ އިނގޭތޯ. ވަރަށް ހަޑި ހުތުރުކަމެއް އެއީ، ވަރަށް ނިކަމެތި ދަށު ދަރަޖައިގެ ކަމެއް އެއީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިމާޔަތާ ރައްކާތެރިކަން ނެތްކަމަށް ބުނެ ނާޒިމް ދެއްކި ވާހަކަ މިހާރު ގަބޫލުފުޅު ކުރެވޭ ކަމަށާއި، ހަގީގަތުގައިވެސް ދިވެހިރައްޔިތުންނަށް މިގައުމުގައި ރައްކާތެރިކަމެއް ނެތް ކަމަށެވެ.
ސިފައިންނާއި ފުލުހުން އަދި ޖުޑިޝަރީއަކީ ވަކިމީހަކު ތަޅުއަޅުވާލެވޭ، ވަކިމީހަކު ބުނެގެން މީހުން ބަންދު ކުރެވޭ ތަނަކަށް ވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ގާސިމް ވަނީ ރައީސް އަބްދުﷲ ޔާމީން ކުރައްވަނީ އާއިލީ ވެރިކަމެއް ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވުދާޅުވެފައެވެ.
"އާއިލީ ވެރިކަމެއް ދަމަހައްޓަން ދިވެހި ރައްޔިތުން މޮޔަވެގެން ބެރުޖަހާކަށް ނޫން މިތިބީ. ދިވެހި ރައްޔިތުންގެ ވެރިކަމެއް ކުރަން ބޭނުންވަނީ، އާއިލީ ވެރިކަމެއް ކުރާކަށް ނޫން،" ގާސިމް ވިދާޅުވި އެވެ.
ނާޒިމް ދޫކޮށްލެވުމަށް ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ