ހަނަފަސްކަން ކުރިމަތިވެ، ބޯފެނަށް ޖެހިފައިވާ މީހުންނަށާއި، ހާލުގައި ޖެހިފައިވާ ދަނޑުވެރިންނަށް އެހީވުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް އަމުރު ކޮށްފިއެވެ.
ސްޕްރީމް ކޯޓަށް ހުށަހެޅުނު ޕެޓިޝަނަކަށް ގޮތެއް ނިންމައި ހުކުމް އިއްވަމުން ސްޕްރީމް ކޯޓުން ވަނީ، ހަނަފަސްކަމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ސަރުކާރު ނުކުޅެދިފައިވާ ކަމަށް ކަނޑައަޅައި އެކަން ކުށްވެރިވެސް ކޮށްފައެވެ.
ވާރޭވެހުން މަދު ދެ މޫސުން ފަހަނައަޅައި ދިއުމާއެކު ކުރިމަތިވެފައިވާ ހަނަފަސްކަމުގެ އަސަރު އިންޑިއާގެ އާބާދީގެ 330 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައި ވެއެވެ. އެގޮތުން، އިންޑިއާގެ ދިހަ ސްޓޭޓަކަށް ހަނަފަސްކަން ވަނީ ކުރިމަތިވެފައެވެ.
ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް ސްޕްރީމް ކޯޓުން ވަނީ ސަރުކާރަށް އަމުރު ކޮށްފައެވެ. އެގޮތުން، މިފަދަ ހާލަތްތަކުގައި އާންމުންނަށް އެހީތެރިވާނޭ ގައުމީ ޕްލޭނެއް އެކަށައެޅުމަށާއި، ފަންޑެއް ގާއިމް ކުރުމަށާއި، ހަނަފަސްކަން ބޮޑަށް ކުރިމަތިވާ ސަރަހައްދުތައް ކަނޑައަޅާނެ އުސޫލުތަކެއް އެކުލަވާ ލުމަށްވެސް ސްޕްރީމް ކޯޓުން ސަރުކާރުގެ މައްޗަށް އަމުރު ކޮށްފައި ވެއެވެ.
ޕެޓިޝަނަށް ގޮތެއް ނިންމަވަމުން ޖަސްޓިސް މަދަން ބީ ލޮކޫރް ވަނީ، އިންޑިއާއަށް ކުރިމަތިވެފައިވާ ހަނަފަސްކަމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނުވާކަމަށް ވިދާޅުވެފައެވެ.
"އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، ޑިޒާސްޓަރ މެނޭޖްމަންޓް ގާނޫނު ހެދިތާ ދިހަ އަހަރު ވެގެންދިޔައިރުވެސް ނޭޝަނަލް ޑިޒާސްޓަރ މިޓިގޭޝަން ފަންޑު ގާއިމްކޮށްފައި ނުވާތީ" ސްޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބުނެފައި ވެއެވެ.
ހަނަފަސްކަން ކުރިމަތިވެ، ފެނަށްޖެހި ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ، އިންޑިއާގެ ތިން ސްޓޭޓެއްގެ ޗީފް މިނިސްޓަރުން ވަރަށް ފަހުން ވަނީ ބޮޑުވަޒީރު މޯދީއާވެސް ބައްދަލު ކުރައްވާފައެވެ. ހަނަފަސްކަމުގެ އަސަރު ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކަށް ސަރުކާރުގެ އެހީތެރިކަން ކުޑަކަމުން އެކަމުގެ ނުރުހުމާއި ފިއްތުންތައްވެސް މައި ސަރުކާރަށް ކުރިމަތިވެފައި ވެއެވެ.
މައި ސަރުކާރުގެ ރޫރަލް ޑިވެލޮޕްމަންޓް މިނިސްޓަރ ބިރެންދުރަ ސިންގް މިދިޔަ އަންގާރަ ދުވަހު ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށް، ސަރުކާރުގެ ފަންޑުތަކުން އެތައް މިލިއަން ރުޕީސް ދޫކުރެވިފައިވާ ކަމަށެވެ.
ވާރޭ ވެހުން މަދުވެ، މުޅި އިންޑިއާގެ އެކި ހިސާބުތަކަށް ހޫނުގަދަވުމުގެ ސަބަބުން ފެން ކޮންޓްރޯލް ކުރުމާއި، ފެން ރައްކާކުރާ ތަންތަން ބަލަހައްޓަން ސިފައިން ނެރުންފަދަ އުސޫލުތައް ގާއިމް ކޮށްފައި ވެއެވެ. އަދި އެންމެ ބޮޑަށް ފެނަށް ޖެހިފައިވާ ސަރަހައްދުތަކަށް ރޭލުތަކުގައި ފެން ފޮނުވުމުގެ މަސައްކަތްވެސް ކުރަމުން ގެންދެއެވެ.
ފެން ނުލިބި، ދަނޑުވެރިކަން ދަށްވެ އާމްދަނީ ނުލިބުމުގެ ސަބަބުން ދަނޑުވެރިން އަމިއްލައަށް މަރުވުން އިތުރުވެ، ބައެއް ދަނޑުވެރިންނާއި، މަސައްކަތްތެރިން އާމްދަނީ ހޯދަން އަވަށްތައް ދޫކޮށް ސިޓީތަކަށް ހިޖުރަކުރުންވެސް ވަނީ ގިނަވެފައެވެ. ބައެއް އަވަށްތަކުގައި ހުންނަ ބޯފެން ވަޅުތަކުން ފެން ހިނދުމާ ގުޅިގެން ބޯފެން ހޯދަންވެސް ގިނަބަޔަކު އެތައް ދުރު ހިސާބުތަކަށް ހިނގާން ޖެހިފައި ވެއެވެ.
އިންޑިއާގެ އާބާދީގެ %60 ބަރޯސާވަނީ ދަނޑުވެރިކަމަށެވެ.
އިންޑިއާގެ މޫސުމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވަނީ ޖޫން މަހުން ފެށިގެން ކުރިއަށްއޮތް ހަތަރުމަހު އެކަށީގެންވާ މިންވަރަށް ވާރޭ ވެހޭނޭ ކަމަށެވެ. އިންޑިއާއަށް އާންމުކޮށް ވާރޭ ވެހެނީ އެމުއްދަތުގައެވެ. އެހެންކަމުން، އިންޑިއާގެ ދަނޑުވެރިން މިހާރު ތިބީ ވާރޭވެހޭނެ ދުވަހެއްގެ އިންތިޒާރީގައެވެ.
ރައްޔިތުންނަށް އެހީވުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން ސަރުކާރަށް އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ