ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދެން ރާއްޖޭގެ ރައްޔިތުންނެއް ދެނެއް ވަގުންނެއް ނުހޮވާނެ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެދު ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް ރައްޔިތުން ކުރާއިރު، ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާކަން އިއުލާނު ކުރެއްވުމަށް މިރޭ ބޭއްވި އެއްވުމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ދެން މަޖިލީހަށް ވަގުންނާއި އަޚުލާގެއް ނެތް މީހުންދެން އިންތިޚާބު ނުކުރާނެ ކަމަށެވެ. އަދި ދެން އިރާދަކުރެއްވިޔާ އެރައްޔިތުންގެ މަޖިލީހުގައި ގޯނި ގޯންޏަށް ފައިސާ އަޅައިގެން ބަހާ ވާހަކައެއްވެސް ނުދައްކާނެ ކަމަށެވެ.
އަދި ރާއްޖޭގެ ރައްޔިތުން އެކުލަވާލާނީ ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ހަޤީގަތަކަށް ހަދައިދޭނޭ މަޖިލީހެއްކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ފައިސާ ބަލަހައްޓައިދޭނެ ތަނަކަށް ވާންޖެހޭނެ ކަމަށާއި، އަދި އެފައިސާ އެންމެ ރަނގަޅަށް ބަލަހައްޓައި ދެވޭނީ ރައްޔިތުންގެ ވަކީލުންނަށް، މަޖިލިސް މެމްބަރުންނަށް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެމަޖިލީހުގެ މެމްބަރުންނަކީ ހަޤީޤަތުގައިވެސް، ނަޒާހަތްތެރިންނަށް ހެދުން. އެމަޖިލީހަކީ ދިވެހިރައްޔިތުންގެ އުއްމީދުތައް ހަޤިޤަތަކަށް ހަދައިދިނުމަށް ވަކާލާތު ކުރާ މަޖިލީހަކަށް ހެދުން. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކީ، އެެހެން އެއްވެސް ނުފޫޒަކަށް ނުގުޑާނެ މެމްބަރަކަށް ހެދުމަށް ރާއްޖޭގެ ރައްޔިތުން އެދިއެދި ތިބިތަން ސާފުކޮށް ފެންނާން އެބައޮތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ހަމައެކަނި ރައްޔިތުންގެ އެދުންތަކާއި އެއްގޮތަށް މަސައްކަތް ކުރާނެ މަޖިލީހަކަށް ވެގެން ދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަން އުފެދިގެން އައި އިރު ދައުލަތުގެ ބަޖެޓަކީ 7 ބިލިއަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް އޭގެ 10 އަހަރުފަހުން މިހާރު މަޖިލީހަށް ހުށައަޅައި ފާސްކޮށްފައި އެވަނީ 30 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި އެފައިސާއަކީ ރައްޔިތުން ދައްކާ ޓެކްސްފައިސާ ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ކަމަަށާއި އެއިން އެންމެ ފައިސާ ފޮއްޗެއްގައި ޖެހުމުގެ ހައްޤެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.
ރައީސް ނަޝީދު ވަނީ ރާއްޖޭގެ ހުރިހާ ރަށަކުންވެސް އެމްޑީޕީއަށް ވޯޓު ދެއްވުމަށް ގޮވާލައްވާފައެވެ.
ރައްޔިތުން ދެން މަޖިލީހަކަށް ވަގުންނެއް ނުހޮވާނެ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ