ކަފާލާތުގެ ދަށުން ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަން ވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހަމަޖެހުމެއް ކަމަށް އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކަފާލާތުގެ ދަށުން މައުމޫން އައި ގާސިމް ރޭ މިނިވަން ކޮށްފައިވާއިރު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ދެ ލީޑަރުންނެކޭ އެއްގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވެސް މިނިވަންކޮށް ނުހައްގުން ޖަލަށްލާފައިވާ ހުރިހާ ފަރާތްތަކެއް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފައެވެ.
ތިން އަހަރަށް ޖަލަށްލާފައިވާ ގާސިމް ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކުރީ ގާސިމްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލާފައި ބެހެއްޓުމަށް އޭނާގެ ގާނޫނީ ވަކީލުން ހައިކޯޓުގައި އެދުމުންނެވެ.
ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ގާސިމް އެއްބަސްވެވަޑައިގެން ގާސިމްގެ ފަރާތުން 70،000 ރުފިޔާ ކޯޓުގައި ބެހެއްޓުމުންނެވެ. ގާސިމް ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
އަދި އެއް އަހަރާއި ހަތްމަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މައުމޫން ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކުރީ މައުމޫންގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން މައުމޫން ދޫކޮށްލާފައި ބެހެއްޓުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ހައިކޯޓުގައި އެދުމުންނެވެ.
މައުމޫން ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް މައުމޫން ވެސް އެއްބަސްވެވަޑައިގެން އެމަނިކުފާނުގެ ފަރާތުން 60،000 ރުފިޔާ ކޯޓުގައި ބެހެއްޓުމުންނެވެ. މައުމޫން ޖަލަށްލާފައިވަނީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރިއިރު އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފަ އެވެ.
މައުމޫން އާއި ގާސިމް މިނިވަން ވުމަކީ ގައުމަށް ލިބުނު ބޮޑު ހަމަޖެހުމެއް - ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ