މިނިވަން މުއައްސަސާތަކަށް ގާނޫނޫން ލިބިދީފައިވާ އަމިއްލައަށް ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ސުޕްރީމް ކޯޓުން ހުއްޓުވާފައި އޮންނަތާ ދެތިން އަހަރު ފަހުން އެބާރު އަނބުރާ ދީފިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ސޮއި ކުރައްވާ އިއްޔެ ނެރުއްވި ސުޕްރީމް ކޯޓުގެ އާންމު ސިޓީގައި ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލް ކުރާނީ ބަންޑާނައިބު ކަމުގައި ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވީނަމަވެސް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ޤާނޫނު އަސާސީ އާއި ޤާނޫނެއްގެ ދަށުން ލިބިފައިވާ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި އަދި ދައުލަތުގެ އެފަދަ މުއައްސަސާތަކާއި އިދާރާތަކަށް ދައުވާ ލިބޭ ގޮތަށް ހުށަހެޅޭ މައްސަލަތަކުގައި އެމުއައްސަސާއެއް ނުވަތަ އެއިދާރާއެއް ތަމްސީލް ކުރާނީ ސީދާ އެފަރާތަކުން ކަމަށެވެ.
ބަޔާންވެ ދިޔަ ފަދަ ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތުގައާއި އަދި އެފަދަ މުއައްސަސާތަކާއި އިދާރާތަކަށް ދައުވާ ލިބޭ ގޮތަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ މަސްލަހަތެއް ނުވަތަ އާންމު މަސްލަހަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއެކު އަދި ކޯޓުން އެދިއްޖެ ހިނދެއްގައި އެމައްސަލައެއް ހިނގަމުން ދާއިރު ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދަ އާއި އެކު އަދި ކޯޓުން އެދިއްޖެ ހިނދެއްގައި އެމައްސަލައެއް ހިނގަމުންދާއިރު ބަންޑާރަނިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކޯޓަށް ހާޒިރުވެ ވާހަކަ ދެއްކިދާނެއެވެ.
މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތެއް އޮތްކަމަށް މައްސަލަ ބަލާ ކޯޓަށް ފެންނަ ހާލަތުގައި ބަންޑާރަނައިބުގެ ފަރާތުން ދައުލަތް ތަމްސީލް ކުރުމުގެ ފުރުސަތު ދިނުމުގެ އިހްތިޔާރު އެމައްސަލަ ބައްލަވާ ކޯޓަށް ލިބިފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ސިޓީގައި ވެއެވެ.
މިނިވަން މުއައްސަސާތަަކަށާއި އިދާރާތަކަށް އަމިއްލަ ގޮތުން ދައުވާ ނުކުރޭ ގޮތައް ސުޕްރީމް ކޯޓުން މުއައްސަސާތަކާއި އިދާރާތަކުގެ ބާރު ހިފެހެއްޓީ އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވައިގެން 2015 ވަނަ އަހަރު އެވެ. އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނަވާ ހިފެހެއްޓެވި ބައެއް ބާރުތައް ފަހަކަށް އައިސް ސުޕްރީމް ކޯޓުން ވަނީ ދޫކޮށްލާފައެވެ.
މުއައްސަސާތަކުން އަމިއްލަ އަށް ދައުވާ ކުރުމުގެ ބާރު ސުޕްރީމް ކޯޓުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ