ޖުމްހޫރިއްޔާ ވަރުގަދަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ - މައުމޫން

ރާއްޖޭގެ ޖުމްހޫރިޔާ ވަރުގަދަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި މި ވޭތުވެގެންދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާންތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ގާއިމު ކުރަން ޖެހުނު ސަބަބުތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބުތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 10 އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
"މިކަންކަމުން ހާމަ ވެގެން ދާ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަކަން" މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ޖުމްހޫރީ ހަޔާތުގައި މިއަދު އަނެއްކާވެސް މިތިބީ މުހިންމު ހަތަރު އަނގޮޅިއެއްގައެވެ. އެގޮތުން މިހާރު މިތިބީ ރިޔާސީ ދައުރެއް ނިމި އާ ރިޔާސީ ދައުރެއް ފެށުމުގެ މުހިންމު މަރުހާލާގައި ކަމަށާއި މި މުހިއްމު ދަނޑިވަޅުގައި ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ގައުމީ ހަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިހުތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމައެއް ގާއިމު ކުރުމާއި، ހައްގުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ