ހެލިކޮޕްޓަރު ފޮނުވާލާނެ ވެރިޔަކީ އަޅުގަނޑު: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރެއްވި ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލާނެ ވެރިޔަކީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓްގައި އުމަރު ވިދާޅުވެފައި ވަނީ މި ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް އެ ހެލިކޮޕްޓަރުތައް ފޮނުވާނުލެވުނު ކަމަށާއި، އިރާދަކުރެއްވިއްޔާ އެ ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާލާނެ ވެރިޔަކީ އޭނާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ހެލިކޮޕްޓަރު ދުއްވުމާ ގުޅިގެން އާންމުން ވަނީ މީގެކުރީން ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާއި ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވީ އެ ދެ ހެލިކޮޕްޓަރު ބޭނުން ކުރާނީ ސާޗް އެންޑް ރެސްކިއު ފަދަ ކަންކަމަށް ކަމަށެވެ.
"ދެ ހެލިކޮޕްޓަރު ބޭނުން ކުރާނީ ސާޗް އެންޑް ރެސްކިއު ކަންކަމަށާއި ސިއްހީ އަދި އެ ނޫންވެސް އިމަޖެންސީ ތަކުގައި. ހެލިކޮޕްޓަރު ރާއްޖޭގައި އުދުއްސާނީ އިންޑިއާގެ ޕައިލެޓުން ކަމަށްވިޔަސް އެމީހުން ހެލިކޮޕްޓަރު އުދުއްސާނީ ކޮންމެ ބޭނުމަކު ކޮން ތަނެއްގައި ކަމާއި އަދި ގަޑި ވެސް ކަނޑައަޅާނީ ދިވެހި ސަރުކާރުން" ރައީސް ވިދާޅުވިއެވެ.
އެ ދެ ހެލިކޮޕްޓަރު ރާއްޖެ ގެނެސްފައިވަނީ އިންޑިއާ އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައެވެ. އަދި އޭގެފަހުން ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އާއި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން އާކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މި ދެ ހެލިކޮޕްޓަރު ބޭނުންކޮށްގެން މިދިޔަ އަހަރު އެކަނިވެސް ވަނީ އެކިއެކި ހާދިސާތަކުގައި 100 އަށް ވުރެ ގިނަ ދިވެހިންގެ ފުރާނަ ވަނީ ސަލާމަތްކޮށްފައެވެ. އަދި މި ދެ ހެލިކޮޕްޓަރު އުދުހުމުގެ ހުރިހާ ހަރަދެއް ކުރާނީ އިންޑިއާ ސަރުކާރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ