ޕެނަލްޓީން ޗެލްސީ ބަލިކޮށް ލިވަޕޫލުން އެފްއޭ ކަޕްގެ ތަށި އަށް ވަނަ ފަހަރަށް އުފުލާލައިފި

ނަތީޖާނެރުމަށް ޖެހި ޕެނަލްޓީން ޗެލްސީ ބަލިކޮށް ލިވަޕޫލްއިން އެފްއީ ކަޕްގެ ތަށި އުފުލާލައިފިއެވެ، މިއަދު އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު ކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިނުވާތީ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިރޭގެ މެޗު ފެނިފައިވަނީ ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ކުޅުނު މެޗެއްގެ ގޮތުގައެވެ. އެގޮތުން ދެ ޓީމުގެ ފަރާތުން ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. މިރޭގެ ނުވަވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ގޯލު ޖަހާނެ ފުރުސަތެއް އުފައްދާފައެވެ. އެގޮތުން ލިވަޕޫލުގެ ޑިފެންޑަރު އެލެކްސެންޑާ އާނޯލްޑު ދިން ބޯޅަ އޭރިއާ ތެރޭގައި ހުރެފައި އެ ޓީމުގެ ލުއިސް ފޮނުވާލި ހަމަލާ ޗެލްސީގެ ގޯލު ބަލަހައްޓަން ހުރި އެޑުއާޑް މެންޑީ ފައިގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް ޗެލްސީގެ ޑިފެންޑަރު ޓެވޯހް ޗަލެބާހް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗްއަށް ވަނީ ލީޑު ނެގުމަށް ފުރުސަތެއް ލިބިފައެވެ. އޭރީއާ ބޭރުން އެ ޓީމުގެ މޭސަން މައުންޓް ޖައްސާލި ބޯޅަ ގޯލު ކުރިމަތީގައި ހުރެފައި ޕުލިސިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މީގެ އިތުރުން ޗެލްސީގެ މާކޯސް އެލެންސޯއަށް މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު ރަނުގެ ފުރުސަތަށް ހުރަސްއަޅައިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއެވެ. މެޗުގެ 47 ވަނަ މިނެޓުގައި ޗެލްސީއަށް ވަނީ ލީޑު ނަގާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޗެލްސީގެ ރޮމިއޯ ލުކާކޫ އޭރީއާ ތެރޭގައި ހުރި ޕުލިސިޗްއަށް ދިން ބޯޅަ އޭނާ ގޯލަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ވެސް ވަނީ އެލިސަން ދިފާއުކޮށްފައެވެ. މިރޭގެ މެޗުގައި އެންމެ ހުސް ފުރުސަތެއް ލިބިފައިވަނީ ލިވަޕޫލަށެވެ. މެޗުގެ 84 ވަނަ މިނެޓުގައި ޗެލްސީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ހުސްކޮށް ހުރި ޑިއާޒް ލިބުމާއެކު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ހުސްކުރި ގޯލުގެ އަރިމަތީ ދަނޑިއަށްށެވެ. ގޯލެއް ނުޖެހި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ވަނީ ގޯލެއް ޖެހޭނެ ގޮތްނުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގެ ތެރެއިން ފުރަތަަމަ ޕެނަލްޓީ ޖަހައިފައިވަނީ ޗެލްސީގެ އެލެންސޯއެވެ. އެ ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އެއާއެކު ޕެނަލްޓީ ޖަހަން އައި ލިވަޕޫލްގެ ޖޭމްސް މިލްނާ ވެސް ވަނީ ޕެނަލްޓީ ކާމިޔާބު ކަމާއެކު ޖަހާފައެވެ. ނަމަވެސް ޗެލްސީގެ ކެޕްޓަން ކީސާ އަޒްބްލިކުއެޓާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ޕެނަލްޓީ ޖެހުމަށް ލިވަޕޫލަށް ލިބުނު ފުރުސަތުގައި ލިވަޕޫލުގެ ތިއާގޯ އަލަކަންޓާރާ ވަނީ އޭނާގެ ޕެނަލްޓީ ޖަހައިފައެވެ. މީގެ އިތުރުން ލިވަޕޫލުގެ ސާޑިއޯ މާނޭ ޖެހި ޕެނަލްޓީ މެންޑީ ދިފާއުކުރުމާއެކު ޕެނަލްޓީ ނަތީޖާ އެއްވަރުވި ނަމަވެސް މެޗުގެ ހަތް ވަނަ ޕެނަލްޓީ ޗެލްސީގެ މޭސާން މައުންޓު ބޭކާރު ކޮށްލުމާއެކު ލިވަޕޫލްގެ ޓިސްމިސްކަސް ވަނީ ފުރުސަތުގެ ބޭނުންހިފައި ޕެނަލްޓީ ގޯލުގެ އެތެރެއަށް ޖަހައި ލިވަޕޫލަށް މެޗު ކާމިޔާބުކޮށްދީފައެވެ. ލިވަޕޫލުން މިއަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރުމާއެކު އެ ޓީމު ވަނީ އެ ޓީމުގެ ތާރީހުގައި އަށްވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކޮށްފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ