ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ގުޅިގެން ޒިންމާ އަދާ ކުރުމުގައި އެއްވެސް ހުރަހެއް ނެތް: އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާ ދެކޮޅަށް ސުޕްރީމް ކޯޓުން ސުމޯޓޯ މައްސަލައެއް ހިންގުމަށް ފަހު ނެރުނު ގައިޑްލައިނާ ގުޅިގެން އެ ކޮމިޝަންގެ ޒިންމާތައް އަދާ ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެ ކޮމިޝަންގެ މެމްބަރު ޝިފާގު މުފީދު ވިދާޅުވެއްޖެ އެވެ. މިއަދު އެޗްއާރްސީއެމް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިފާގު ވިދާޅުވީ، އެ ގައިޑުލައިނަކީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް އެ ކޮމިޝަނަށް ހަނދާންކޮށްދިނުމުގެ ގޮތުން ނެރެފައިވާ ގައިޑުލައިނެއް ކަމަށެވެ. "އަދި މިގޮތުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަނުން މަސައްކަތް ކުރަމުން މި ގެންދަނީ. އަޅުގަނޑުމެން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ދެމި ތިބިހާ ހިނދަކު އަޅުގަނޑުމެންނަށް މި ކަމަކާ ގުޅިގެން އިތުރު އުނދަގުލެއް ނެތް،" މެމްބަރު ޝިފާގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މިއަދާ ހަމައަށް އައިއިރުވެސް ދައުލަތުގެ އެއްވެސް ބާރަކުން އެއްވެސް ހުރަހެއް އަޅާފައި ނުވާ ކަމަށެވެ. "ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް އިރުޝާދު ދެއްވާ ނުވަތަ އަންގަވާ އެ ކަހަލަ ކަމެއް ކުރައްވާފައެއް ނުވޭ. ދައުލަތުގެ ތިން ބާރު ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ނުވަތަ އެމަނިކުފާނުގެ އޮފީހުން ނުވަތަ އެމަނިކުފާނުގެ ބެލެނިވެރިކަމުގެ ދަށުގައިވާ އެއްވެސް ވުޒާރާއަކުންވެސް އަޅުގަނޑުމެންގެ މި ކޮމިޝަނަށް ވަކި ގޮތަކަށް އަންގަވާ އިރުޝާދު ދެއްވާފައެއް ނުވޭ،" މެމްބަރު ޝިފާގު ވިދާޅުވި އެވެ. ހަމައެއާއެކު، ޝަރުއީ އެއްވެސް ކޯޓަކުންވެސް އެފަދަ އިރުޝާދެއް ދީފައި ނުވާ ކަމަށާއި އަދި އެފަދަ މައްސަލައެއްގައި އެއްވެސް ކޯޓަކަށް އަދި އިދާރާއަކަށްވެސް ހާޒިރުކޮށްފައި ނުވާ ކަމަށް މެމްބަރު ޝިފާގު ވިދާޅުވި އެވެ. "އަޅުގަނޑުމެން ހިންގާ ތަހުގީގުތަކަ ގުޅިގެން އަޅުގަނޑުމެން ނެރޭ ރިޕޯޓުތަކާ ގުޅިގެން އަޅުގަނޑުމެން ހާމަ ކުރާ ބަޔާންތަކާ ގުޅިގެން ނުވަތަ އަޅުގަނޑުމެންގެ ކޮމިޝަންގެ އިގުތިސާސްގެ ތެރެއިން އަޅުގަނޑުމެން ކުރަމުން ގެންދާ އެއްވެސް ކަމަކާ ގުޅިގެން މަޖިލީހަށްވެސް އަޅުގަނޑުމެން ހާޒިރުކޮށް ސުވާލު ދަންނަވާފަ ނުވޭ،" މެމްބަރު ޝިފާގު ވިދާޅުވި އެވެ. އެޗްއާރުސީއެމާ ދެކޮޅަށް ސުޕްރީމް ކޯޓުން ސުމޯޓޯ މައްސަލައެއް ހިންގާފައިވަނީ އދ ގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށް އދ އަށް ފޮނުވި ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ކޯޓުތަކާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ހުރި ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ