ލަންކާގައި ކަރަންޓު ޝޯޓުވި އިމާރާތުގައި ދިވެހި އާއިލާއެއް އުޅުނު، މިހާރު ތިބީ ރައްކާތެރި ތަނެއްގައި: އޮފިޝަލް

(ކޮލޮމްބޯ، ސްރީލަންކާ): ސްރީލަންކާގެ ކޮލޮމްބޯގެ ދެކުނުން އޮންނަ ދެހިވަލައިގައި ކަރަންޓު ޝޯޓުވުމުގެ ހާދިސާއެއް މިއަދު ހެނދުނު ހިނގި އިމާރާތުގައި ދިވެހި އާއިލާއެއް އުޅުނު ކަމަށާއި، މިހާރު އެ އާއިލާ ވަނީ ރައްކާތެރި ތަނެއްގައި ކަަމަށް ދިވެހި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. ލަންކާއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން، ދެހިވަލަ ސަރަހައްދުން ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން 10:00 އަށް ދަނީ ކަރަންޓު ކަނޑަމުންނެވެ. މިއަދު ހެނދުނު ކަރަންޓު ކަނޑާލުމަށް ފަހު ކަރަންޓު އެނބުރި އައި ވަގުތު، ދެހިވަލަ ސަރަހައްދުގެ ކައުދާނަ ރޯޑުގައި ހުންނަ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ކަރަންޓަށް ޖަހާފައި އޮތް ފޯނު ޗާޖަރެއް ގޮވައި، އެ ފަންގިފިލާގައި ކަރަންޓު ޝޯޓުވެ، އެވަގުތު އެތަނުގައި ތިބި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި، އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ދިވެހި އާއިލާއެއް ދިރިއުޅެމުން ދިޔަ އެވެ. މި އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ކަރަންޓު ޝޯޓުވީ، ކަރަންޓަށް ޖަހާފައި އޮތް ފޯނު ޗާޖަރެކެވެ. އެ ޗާޖަރު ގޮވުމުގެ ސަބަބުން އެ ފަންގިފިލާއިން އެއްކޮށް ކަރަންޓު ކެނޑި، ވިހަ ގޭހެއް ކަމުގައިވާ ކާބަން މޮނޮކްސައިޑް ވަނީ އެތަނަށް ފެތުރިފައެވެ. މި ހާދިސާގައި މަރުވި ހަތަރު މީހުންގެ އޮޓޮޕްސީ ހަދާފައިވާ އިރު، އޮޓޮޕްސީ ރިޕޯޓު ބުނާ ގޮތުގައި ހަތަރު މީހުން ވެސް މަރުވީ ކާބަން މޮނޮކްސައިޑާ ހެދި ވިހަ ވެގެންނެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ ބަޔަކު "ސަން"އަށް މައުލޫމަތު ދެމުން ބުނީ، އެ ގޭގައި ގޮވި ގޮވުމަކީ، ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ. ދެހިވަލަ ޕޮލިސްއިން މައުލޫމާތު ދޭ ގޮތުގައި، މަރުވެފައި ވަނީ ވެލިގަމަ ޓައުންއަށް ނިސްބަތްވާ 65 އަހަރުގެ ފިރިހެނަކާއި، އޭނާގެ 52 އަހަރުގެ އަނބިމީހާއާއި، އެ ދެމަފިރިންގެ 13 އަހަރުގެ އަންހެން ދަރިފުޅާއި، އެ ގޭގައި އެވަގުތު ހުރި، އެ އާއިލާއަށް ނިސްބަތްވާ 13 އަހަރުގެ އެހެން އަންހެން ކުއްޖެކެވެ. މަންޒަރު ދުށް މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ، ހާދިސާ ހިނގުމާއި އެކު މަރުވި ދެ އަންހެން ކުދިންގެ ތެރެއިން އެއް އަންހެން ކުއްޖެއްގެ ހަށިގަނޑު އިމާރާތުން ބޭރަށް، މަގުމައްޗަށް ވެއްޓިފައި އޮތް ކަމަށެވެ. ސްރީލަންކާގެ ގައުމީ ކަރަންޓު ވިއުގައަށް މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު ދިމާވި މައްސަލައަކާ ގުޅިގެން، އެމައްސަލަ ހައްލު ކުރެވެންދެން ގަވައިދުން ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއްގައި، ސްރީލަންކާގެ އެއްވެސް ސަރަހައްދެއް އިސްތިސްނާ ނުވާނެ ގޮތަކަށް ކަރަންޓު ކަނޑަން ސިލޯން އިލެކްޓްރިސިޓީ ބޯޑުން ވަނީ ނިންމައިފަ އެވެ. އެގޮތުން، އެންމެ ގިނަ އަދަދަކަށް ދިވެހީން ދިރިއުޅޭ ދެހިވަލަ، ކަލުބޯވިލާ އަދި ނުގޭގޮޑަ ފަދަ ސަރަހައްދުތަކުން ކަރަންޓު ކަނޑާ ވަގުތުތަކަކީ ހެނދުނު 8:00 އިން 10:00 އަށް، އަދި އިރުއޮއްސި 18:45 އިން 19:30 އަށެވެ. ސީއީބީއިން ލަފާކުރާ ގޮތުގައި، މި ހަފްތާ ބަންދަށް ފަހު ކަރަންޓުގެ މައްސަލަ މުޅިން ހައްލު ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ