އާރް.ޓީ.އެލްގެ ޚިދުމަތް ފެށުމަށް ލޯންޗު ފެރީތައް ހއ.އަތޮޅަށް

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ހއ. އަތޮޅުގައި ފެށުމުގެ ގޮތުން ލޯންޗު ފެރީތައް އެ އަތޮޅަށް ފުރައިފިއެވެ.
ސަރުކާރާއި ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން އާރް.ޓީ.އެލްގެ ޚިދުމަތް ހއ.އަތޮޅުގައި ފެށުމުގެ ގޮތުން ތައްޔާރުކޮށްފައިވާ 5 ލޯންޗް ފެރީއެއް ވަނީ ފުރާފައެވެ. މި ލޯންޗްތައް ތަފާތު ރޫޓްތަކުން ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން މީޑިއާއާއި ވާހަކަދައްކަވަމުން އެމްޓީސީސީ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ފާރިގް ވިދާޅުވީ މި ލޯންޗްތައް ހޮނިހިރު ދުވަހު ރަށްތަކަށް ގޮސް އާދިއްތަ ދުވަހު ޚިދުމަތް ފެށޭނެ ކަމަށެވެ. އެގޮތުން ރަށްރަށުގައި އެންމެ ފުރަތަމަ ޚިދުމަތް ދޭނީ ހިލޭ ކަމަށާއި ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ޓިކެޓް ނަގައިގެން ދަތުރު ކުރަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ޖުލައި މަސް ނިމުމުގެ ކުރިން ޒޯން 1 ގެ ރަށްތަކަށް ފެރީގެ ދަތުރުތައް އެއްކޮށް ފެށޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ޖުލައި މަސް ތެރޭގަ ށ. އަތޮޅުގެ ދަތުރުތައްވެސް ފަށްޓަން. އެއީ ށ. އަތޮޅުގެ ހުރިހާ ރަށަކަށް ބޭނުންވާ ލޯންޗްތައް ބަނުމުގެ މަސައްކަތްވެސް މިހާރު ގާތްގަނޑަކަށް ފައިނަލް ސްޓޭޖްތަކުގަ މިއުޅެނީ. އެކަންކަން ނިންމާފަ އިރާދަކުރެއްވިއްޔާ ޖުލައި މަސް ނިމުމުގެ ކުރިން ފެށިގެންދާނެ" އެމްޓީސީސީ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ފާރިގް ވިދާޅުވިއެވެ.
ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ އާރް.ޓީ.އެލް ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. އަތޮޅުގައެވެ.
ޤައުމީ ފެރީ ނިޒާމްގެ ދަށުން ރަށްރަށުގައި އަންނަނީ ފެރީ ސްޓޮޕްތައް ވެސް ޤާއިމްކުރަމުންނެވެ. މިފެރީ ސްޓޮޕްތަކަކީ ފެރީގެ ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުން މަޑުކުރުމަށް ހަދާފައި ހުންނަ ހިތްފަސޭހަ ސްޓޮޕްތަކެކެވެ. ހަޓްތަކެއްގެ ގޮތަށް ފަރުމާ ކޮށްފައިވާ މި ސްޓޮޕްތައް ޤާއިމްކޮށްފައިވަނީ ތަފާތު ޚިދުމަތްތައް ލިބޭނެ ފެންވަރުގައެވެ.
ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަރާ ފޭބުމުގައި ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ފެންވަރުގެ ފެރީތަކެއްވެސްމެއެވެ.
މިމަސައްކަތުގެ ދަށުން މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލައި އެނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ބުރަބޮޑު ނުވާނެގޮތަކަށް ލިބޭނެ މަގުވަނީ ފަހިކޮށްދެއްވާފައެވެ. މި ޚިދުމަތާއިއެކު ރާއްޖޭގެ ޖަޒީރާ ރަށްތައް އެއްރަށުން އަނެއް ރަށަށް ގުޅާލައި، އިޤްތިޞާދީގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް އައުމަކީ ސަރުކާރުގެ އެންމެ ބޮޑު އުންމީދެވެ. ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް ހުރިހާ ރަށަކަށް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ