އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި މިދިޔަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކުގައި 50 މީހަކު މަރާލާފައި ވަނީ އެ ސްޓޭޓްގެ ސަރުކާރުން މުސްލިމުންނަށް އެކަށީގެންވާ ހިމާޔަތް ނުދިނުމުން ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ބުދަ ދުވަހު ބުނެފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުއްތަރް ޕްރަދޭޝްގައި ހިނގި ދީނީ ހަމަނުޖެހުންތަކުގައި 50 މީހަކު މަރުވި އިރު މުސްލިމުންގެ ބައި ލައްކަ މީހަކު ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. ސުޕްރީމް ކޯޓުން ބުނީ ހަމަނުޖެހުންތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ކުރިއާލައި ދެނެގަތުމާއި އެކަން ހުއްޓުވުމުގައި އިންޓެލިޖަންސް ފެއިލް ވެފައިވާ ކަމަށެވެ.
"މިހާތަނަށް ފެންނަން ހުރި ކަންކަމަށް ބަލާއިރު ފެންނަނީ ސްޓޭޓްގެ ސަރުކާރުން އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން އިހުމާލުވެ، ދީނީ ހަމަނުޖެހުންތަކެއް ހިންގަން އުޅޭކަން ވެސް ނުހޯދި، އަދި އެ ކަންކަން ހުއްޓުވުމުގައި ފެއިލްވެފައިވާތަން،" އުއްތަމަ ފަނޑިޔާރު ޕީ.ސަތިންސްވަމް ކޯޓުގައި ވިދާޅުވި އެވެ.
ކޯޓުން މިހެން ބުނެފައި ވަނީ ހަމަނުޖެހުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އިންސާފު ހޯދައިދިނުމަށް ވަކީލުންތަކެއް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ކޯޓުން ބުނީ ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި އެތައް ބަޔަކު އުޅެމުން ދަނީ މިނިވަންކަންމަތީގައި ކަމަށާއި އެ މީހުން ހައްޔަރުކޮށް ތަހުގީގުކުރެވެން ޖެހޭނެ ކަމަށެވެ.
މި މައްސަލަ އަލުން ތަހުގީގުކޮށްދިނުމުގެ އަމުރަކަށް އެދިފައި ވިޔަސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ. މިހާރު ތަހުގީގަށް ސުވާލުކުރަން ޖެހޭނެ ކަމަށް ބުނާ މީހުންގެ ތެރޭގައި މިފަހަރު އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ބެލެވޭ، އިދިކޮޅު ބީޖޭޕީގެ ދެ ބޭފުޅެއްގެ މައްޗަށް މި މައްސަލާގައި ދައުުވާ ލިބެ އެވެ. ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ ދީނީ މައްސަލަތަކާ ބެހޭ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅަނީ އަންމަ މަހު އިންޑިއާގައި ބާއްވާ އާންމު އިންތިހާބުގައި ސިޔާސީ ފައިދާ ނަގަން ކަމަށެވެ. އެގޮތުން އުއްތަރް ޕްރަދޭޝް އަކީ ނަތީޖާ ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ސްޓޭޓެއްކަން ފާހަގަކުރެވެ އެވެ. -- އޭއެފްޕީ
މުސްލިމުން މެރުމުގައި ސަރުކާރުގެ އިހުމާލު އެބަ އޮތް: އިންޑިއާ ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ