އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމްގެ ފޯނު ބިލަށް މިނިސްޓްރީގެ ބަޖެޓުން ދެއްކި ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަވައިފި އެވެ.
އަސްލަމްގެ ފޯން ބިލަށް ދައުލަތުން 312،928 ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވަނީ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގަ އެވެ.
މިމައްސަލަައިގައި މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ މިނިސްޓަރު ކަމުގައި ހުންނަވައިގެން މިނިސްޓްރީގެ ބަޖެޓުން އަމިއްލަ ފޯނު ބިލް ދައްކާފައިވާ ކަމަށް ބުނެ ދައުލަތުން އަސްލަމްގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ނިންމާފައެވެ.
އަސްލަމް ވިދާޅުވީ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ދެއްކެވިނަމަވެސް އެހުކުމް ބަލައިނުގަންނަ ކަމަށެވެ.
އަދި އެމައްސަލަ އިސްތިއުނާފް ކުރަން ބޭނުންވި ނަމަވެސް އެމުއްދަތުގައި މައްސަލައިގެ ޚުލާސާ ބަޔާންވެސް ވަކީލަށް ލިބިފައިނުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ދައުލަތުން މިހާރު ވެސް އެކި ވުޒާރާތަކުގެ ވަޒީރުންގެ ފޯނު ބިލް ދައްކާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެބޭފުޅުންގެ މައްޗަށް ދައުލަތުން ދައުވާ ނުކުރާ ކަމަށެވެ. އަދި މި ހުކުމަކީ އިންސާފުން ކުރެވުނު ހުކުމެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ވެސް ވަނީ އެ ފައިސާ ދެއްކުމަށް އަސްލަމަށް އަންގާފަ އެވެ.
ފޯނު ބިލަށް ފައިސާ ދެއްކިޔަސް ހުކުމް ބަލައިނުގަންނަން: އަސްލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ