އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހުރަސް އަޅައި އެމަނިކުފާނުގެ ކެންޑިޑެސީ ގަބޫލު ނުކޮށްފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވި އިރު އީސީ އިން ވަނީ ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާ މީހުން ބައިވެރިވާ ޕްރައިމަރީތައް ބާތިލުކުރާނެ ކަމުގެ އިންޒާރު އެމްޑީޕީއަށް ދީފަ އެވެ. އެ އިންޒާރު ދިނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވަނީ ހަމައެކަނި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ރައީސް ނަޝީދު ކަމަށް އެ ޕާޓީ އިން އިއުލާން ކުރުމާ ގުޅިގެނެވެ.
އެ މައްސަލައަށް އިޝާރާތް ކުރައްވައި "ޖަޒީރާ ރައީސް"ގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސަލަމް ވިދާޅުވީ ޕްރައިމަރީތަކާ ގުޅޭ ގޮތުން މިހާތަނަށް އީސީއިން ނެރެފައިވާ ބަޔާންތަކުގައި ރައީސް ނަޝީދާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި އެމަނިކުފާނަށް ކުރިމަތި ނުލެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ނުވާ ކަމަށެވެ. ބަޔާންތަކުގައި ހުރީ ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ ވާހަކަދައްކާފައި ކަމަށާއި ނަމަވެސް އިންތިހާބެއްގައި ވާދަ ކުރުމުގެ ހުރިހާ ޝަރުތެއް ރައީސް ނަޝީދުގެ ފުރިހަމަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެހެން ނަމަވެސް އީސީއަށް ވެސް އެނގުންތައް އަނގައި ފިޔަވަޅުތައް އެޅޭނީ ގާނޫނީ ހައިސިއްޔަތުގެ ތެރެއިން ކަމަށާއި ކެންޑިޑެސީގެ ޝަރުތު ހަމަ ނުވާ ކަމަށް ގަބޫލު ކުރެވޭނަމަ އަމަލު ކުރަން ޖެހޭ ގޮތްތައް އިންތިހާބުތަކާ ބެހޭ ގާނޫނާއި އިލެކްޝަން ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެގޮތުގެ މަތިން ރައީސް ނަޝީދުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ ވާދަ ކުރަން ހުރަސް އަޅައިފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނާނަމަ ކެންޑިޑޭޓަށް ލިބިގެންވޭ ސީދާ ސުޕްރީމް ކޯޓަށް ދިޔުމުގެ ހައްގު، އަދި އެކަން ނިންމަން ޖެހޭނީ އެ ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނޭ މަޖިލީގެއްގައި، އޭގެ ބޭރުން ބަޔަކު ވާހަކަތަކެއް ދެއްކިޔަސް ކެމްޕެއިން ދާނީ ކުރިޔަށް،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލާގައި މިހާރުވެސް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ވަރަށް ސާފު ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އަދި އެ ޕާޓީ އިން އެ އަމުރު ގަބޫލު ކުރާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް ރައީސް ނަޝީދަށް ވާދަ ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ނަޝީދުގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަަހަޅާނަން: މެނޭޖަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ