ތިނަދޫގެ ގެތަކަށް ކަރަންޓް ދެވޭނީ ހަތަރު ދުވަސް ފަހުން

ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޖީނުގެއާއި ޖަނަރޭޓަރުތައް ހަލާކުވެފައިވާ ފދ. ތިނަދޫގެ އާއްމުންގެ ގެތަކަކަށް ކަރަންޓް ދިނުމަށް އަދި ގާތްގަނޑަކަށް ހަތަރު ދުވަސް ހޭދަވާނެ ކަމަށް އެރަށަށް ކަރަންޓްގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ. ތިނަދޫ އިންޖީނުގެ އެނދި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން އެކޯޕަރޭޝަންގެ މައި އިދާރާގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ނިމާލް ވިދާޅުވީ ތިނަދޫގެ ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެ ހޯދުމުގެ ގޮތުން ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އިން އެހީތެރިވެދީފައިވާ ކަމަށެވެ. އެގޮތުން އެ ދެ ކުންފުނިން ފޯރުކޮށްދިން ޖަނަރޭޓަރުތައް ތިނަދުއަށް ގެންދެވޭ ވަރު ވާނީ މާދަމާރޭ ފަތިހު ކަމަށް އޭނާ ވިދާޅުވި އެވެ. "... ދެން ހަމަ ލޮޖިސްޓިކްގެ އެރޭންޖްމެންޓަށް އެދާ ވަގުތަކެއް، އެ ސައިޓަށް ގެންދެވުނީމަ ހަމަ އަޅުގަނޑުމެންގެ ޓީމްތައް މަސައްކަތްކުރާނެ. ދެން އަޅުގަނޑުމެން ހަމަ ރާއްޖޭގެ އުތުރުންނާއި ދެކުނުން ވެސް އަޅުގަނޑުމެންގެ އިންޖިނޭރުންގެ ޓީމެއް މިހާރު އެކުލަވާލާފައި އެ އިންޖީނުތައް އެކޮޅަށް ދާން ވާއިރަށް އަޅުގަނޑުމެންގެ ޓީމްތައް އެކޮޅަށް ދަތުރުކުރާނެ އެއީ ހަމަ އެމުވައްޒަފުންނާ އެކީގައި މަސައްކަތްކުރުމަށް ޓަކައި. އެހެންވީމާ އެތަނަށް ދިއުމާ އެކީގައި އެމަސައްކަތްތައް ފެށި، އަދި އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސް ތެރޭގައި އާއްމު ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ލިބިގެން ދާނޭ،" ނިމާލް ވިދާޅުވި އެވެ. ނިމާލް ވިދާޅުވީ އޭގެ ކުރިން ވެސް ތިނަދޫ ރައްޔިތުންނަށް ކޮންމެވެސް ގަޑިތަކެއްގައި ކޮންމެވެސް މިންވަރަކަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ފެނަކަ އިން މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ