ތޮލްހަތަށް އިއްވި ޖަލުހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ދަށު ކޯޓުން އިއްވި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން ވަނީ ކުރިމިނަލް ކޯޓުން ތޮލަހަތުގެ މައްޗަށް އިއްވި ހުކުމާއެކު، އެ ހުކުމަށް ތާއިދުކޮށް ހައި ކޯޓުން އިއްވި ހުކުމް ވެސް ބާތިލް ކޮށްފައެވެ.
ސުްޕރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ތޮލްހަތުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތޮލްހަތުގެ ފަރާތުން އިލްތިމާސަަށް އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަކަ ބަލައި ނުގަންނަން ނިންމި ނިންމުން އޭނާގެ ފަރާތުން މުރާޖާ ކުުރުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ތޮލްހަތުގެ މައްޗަށް ކުރިމިނަލް ކޯޓުން 10 އަހަރުގެ ޖަލުހުކުމެެއް އިއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އޭނާ ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވެއިރު، ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަވާއިދާ ހިލާފަށް ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައިގައެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ރައީސް ނަޝީދާއި، ތޮލްހަތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ މައިގަނޑު އެއް ވާގިޔާއެއްގެ މައްޗަށް ބިނާކޮށްގެންކަން ކުރިމިނަލް ކޯޓުން ބަލާފައިވާ މައްސަލައިގެ ދައުވާގެ ސީއާއިން އެގެން އޮންނަ ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ހުކުމް އިއްވާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށް އެކޯޓުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ތޮލްހަތުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރި މައްސަލާގައި ކަމަށް ވުމުން، ތޮލްހަތުގެ މައްސަލަ އަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބަލައި، ހުކުމްކުރީ ގާނޫނާ ހިލާފަށް ކަމަށާއި، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމާއި، ހައި ކޯޓުން ކުރި ހުކުމް ވެސް ބާތިލް ކަމަށް ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ