ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރި އެންމެ ބޮޑު ސްކޫލް ހުޅުވައިފިއެވެ. ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރި އެންމެ ބޮޑު ސްކޫލަކީ މިއަދު ކިޔަވައިދޭން ފަށާ ހުޅުމާލޭ "ހުރަވީ ސްކޫލް" އެވެ.
ހުރަވީ ސްކޫލް ހުޅުއްވައި ދެއްވީ މިހާރު އެސްކޫލްގައި ކުރިއަށްދާ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ސަރުކާރުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހުޅުމާލޭ އުތުރުކޮޅުގައި އެޗްޑީސީން އިމާރާތް ކޮށް މިހާރު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ސްކޫލް އިމާރާތްކޮށްފައި ވަނީ ތަފާތު ޑިޒައިނަކަށް ރާއްޖޭގައި ހުރި ވަސީލަތުގެ ގޮތުން ވެސް އެންމެ ފުރިހަމަ ސްކޫލްގެ ގޮތުގައެވެ.
ހުރަވީ ސްކޫލްގައި ހަތް ބުރީގެ ތިން ބްލޮކް ހުންނާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްގެ ހުރިހާ ބުރިއަކަށް ވެސް ފަސޭހަކަމާ އެކު އެރޭނެ ގޮތަށް އިމާރާތުގެ މެދުގައި ރޭމްޕެއް ވަނީ ހަދައިފަ އެވެ. ދަރިވަރުން ބޭނުން ކުރުމަށް ދެ ލިފްޓް ވެސް ސްކޫލްގައި ހުންނާނެއެވެ.
ސްކޫލްގައި އެއް ފަހަރާ 1450 ކުދިންނަށް ކިޔަވައިދެވޭނެ ޖާގަ އޮންނާނެއެވެ. ސްކޫލްގައި 54 ކްލާސް ރޫމް ހުންނާނެއެވެ. އޭގެ ތެރެއިން ދެ ކްލާސް ރޫމް ހުސްކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. އެކި މަސައްކަތްތައް ދަސްކޮށްދޭން ވެސް ހާއްސަ ދެ ކްލާސް ރޫމެއް ވެސް ސްކޫލްގައި ހުންނާނެއެވެ.
ދެ ލެބޯރަޓަރީގެ ތެރެއިން އެއް ލެބޯޓްރީ ތިރީސް ކުދިންނަށް އެއް ފަހަރާ ބޭނުން ކުރެވެ އެވެ.
އެއް ބްލޮކްގެ އެއް ބުރި ހުސްކޮށްފައި ވަނީ ލައިބްރަރީއަށެވެ. ދަރިވަރުންނަށް ހާއްސަ ލައިބްރަރީ އަކާއި ޓީޗަރުންނަށް ހާއްސަ ލައިބްރަރީއެއް ސްކޫލްގައި ހުންނާނެއެވެ.
މިއަދު ހުރަވީ ސްކޫލުގެ ކިޔެވުން ފަށާއިރު 780 ދަރިވަރުން މިއަހަރު އެސްކޫލްގައި ތައުލީމް ހާސިލް ކުރާނެއެވެ. އެއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވަޔަކާ ހަމައަށެވެ. އަންނަ އަހަރު ގްރޭޑް 10 ފަށާނެ އެވެ. އަދި ގްރޭޑް 11 އާއި 12 ވެސް އުފައްދައި، އޭ ލެވެލްއާ ހަމައަށް ކިޔަވައިދޭ ތަނަކަށް އެ ސްކޫލް ހަދަން ވަނީ ނިންމައިފަ އެވެ.
ހުރަވީ ސްކޫލްގައި ދިވެހި 60 ޓީޗަރުންނާ އެކު ސްކޫލްގެ މުވައްޒަފުންގެ އަދަދު 80 އަށް އަރާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ