ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ފާއިޒު

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޑރ. ޙުސައިން ފާއިޒް ހަމަޖައްސަވައިފިއެވެ.
ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔަކީ ސެކްރެޓަރީ ޖެނެރަލްއެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޢައްޔަންކުރައްވާ ފަރާތެކެވެ.
މި މަގާމަށް ފާއިޒު އައްޔަންކުރައްވާފައިވަނީ މިއަދު ކަމަށް ސުޕްރީމް ކޯޓުން މައުލޫމާތުދެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ އިދާރީ، ކަންތައްތައް ބެލެހެއްޓުމާއި އެކަންތައްތައް ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރުކުރުމާއި، ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާގުޅޭގޮތުން ސިޔާސަތުތައް އެކުލަވައިލައި މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ މަޢުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން އެކުލަވައިލެވޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫޢުތައް އަދި ބޭނުންވާ ސްޓްރެޓީޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން ފަދަ މަސައްކަތްތަކަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ