ސްކޫލް ގައިޑް: މި ތިން ކަމަށް ފަރުވާ ބަހައްޓާ!

ތައުލީމީ އާ އަހަރެއް ފެށިގެން އަންނަ ދުވަސްކޮޅަކީ އެންމެންނަށް ވެސް އުފާވެރި ވަގުތެކެވެ. އެކަމަކު، ބޮޑު ޗުއްޓީގެ ލުއި ދުވަސްތައް ނިމުމަކަށް އަންނަނީ ހާސްކަމަކާ ވެސް އެކުގަ އެވެ. ވާން ޖެހޭ ތައްޔާރީތަކާއި ސްކޫލް ހުޅުވުމަށް ފަހު ޝެޑިއުލަށް އަންނާނެ ބަދަލާއި ބިޒީ ދުވަސްތަކަށް އެނބުރި ދާން ޖެހުމުގެ ނުތަނަވަސްކަން ސިކުނޑި އަށް ވެރިވެގަނެ އެވެ. އެކަމަކު ދުރާލާ ވިސްނައިގެން ކަންކަން ރަނގަޅަށް ޕްލޭންކޮށްފި ނަމަ، މި ދަނޑިވަޅުގެ ސްޓްރެސް ކުޑަކުރެވިދާނެ އެވެ.
1. ނިދި ހަމައަކަށް އަޅުވައިލަންވާނެ
ނިދި ހަމަނުވުމަކީ ސްޓްރެސް އަށް ހުށަހެޅެން ދިމާވާ ވަރަށް ބޮޑު ސަބަބެކެވެ. ލަހުން ނިދާފައި ލަހުން ހޭލުމުގެ އާދައެއް ޗުއްޓީ ދުވަސްވަރު ގެންގުޅުނަސް، ސްކޫލް ހުޅުވެން ވަގުތު ކުޑަތަން ނުވަނީސް ނިދީގެ ޝެޑިއުލް ބަދަލުކޮށްލުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް މުހިއްމެވެ. އެއީ ނިދީގެ ކަންކަން ހަމައަކަށް އަޅުވަން ވަގުތު ނަގާނެތީ އެވެ.
ސްކޫލް ހުޅުވޭ އިރު ނިދި މަދުވެއްޖެ ނަމަ ދުވާލުގެ ވަގުތު މާ ބޮޑަށް ވަރުބަލިކަން އިހުސާސްކުރަން ޖެހި އުފެއްދުންތެރިކަން ދަށްވެދާނެ އެވެ. އެހެންކަމުން ހަމަ ނިންޖަކަށް ފަހު ހޭލުން މުހިއްމެވެ.
2. އެންމެ ބޮޑު ގޯސް: ފަހު ވަގުތަށް މަޑުކުރުން
ސްކޫލް ހުޅުވެން ވަގުތު ކުޑަތަންވާ އިރު އެތައް ބަޔަކު ހާސްކަމެއްގެ ތެރެއަށް ވައްޓާލާ މައިގަނޑު ސަބަބަކީ ހުރިހާ ކަމެއް އެންމެ ފަހު ވަގުތަށް ބެހެއްޓީމާ ދިމާވާ މައްސަލަތަކެވެ. ހަމައެކަނި ބެލެނިވެރިންނެއް ނޫނެވެ. ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލް ހުޅުވުމާ ގުޅުން ހުރި ޚިދުމަތްތައް ދޭ ވިޔަފާރިތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެހެންކަމުން ދިރާސީ އާ އަހަރު ފެށެންވާ އިރަށް ފުރިހަމަކުރަން ޖެހޭ ކަންކަން ދުރާލާ ފުރިހަމަކުރަން މި އެންމެން ވެސް އިސްކަމެއް ދޭން ޖެހެ އެވެ. މާޒީގައި ކުރިމަތިލާން ޖެހުނު އުނދަގޫތައް ތަކުރާރު ނުވާނީ އޭރުންނެވެ.
ބެލެނިވެރިންނަށް ކުރެވެން އޮންނާނެ އެންމެ ބޮޑު ކަމަކީ ކުދިންނަށް ބޭނުންވާ ސާމާނު އަވަހަށް ހަމަކޮށް ނިންމާލުމެވެ. ފޮތް ލިސްޓަށް ބޭނުންވާ އެއްޗެހި ހޯދުމާއި ޔުނިފޯމް ފެއްސުމާއި ފޮތުގެ ބޭރުގައި ކަރުދާސްލެއްވުން ފަދަ ކަންކަން އަވަސްކޮށްފި ނަމަ ވަރަށް ބޮޑު ބޮލުގެރިހުމަކުން ސަލާމަތްވެވިދާނެ އެވެ.
3. އުފާވެރި މުނާސަބަތެއް
ތައުލީމީ އާ އަހަރަކާ ކުރިމަތިލުމަކީ އާއިލާއަކަށް ވަރަށް މުހިއްމު ފިޔަވަޅެކެވެ. އެކަން ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަކުރެވިދާނެ އެވެ. އެހެނިހެން ޚާއްސަ މުނާސަބަތުތަކެކޭ އެއްގޮތަށް އާއިލީ އެއްވުމެއް ރާވާލުން ކިހިނެއްވާނެ ހެއްޔެވެ؟ ހުރިހާ ތައްޔާރީތަކެއް ނިންމާލުމަށް ފަހު، ރެސްޓޯރެންޓަކަށް ކާލަން ދިޔުން ނުވަތަ ގޭގައި ކޮންމެވެސް ކަމެއް ބާއްވައިލުމަކީ ގައިމު ވެސް ހިތްހަމަޖެހުން އިތުރުކޮށްދޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ