ވިމެންސެންޓަރގެ ސްކޫލް ހޮލިޑޭ ޕްރޮގްރާމްތަށް މިފަހަރު ވަރަށްތަފާތު

ސްކޫލް ބަންދާއި ދިމާކޮށް ވިމެންސެންޓަރ ގެ ފަރާތުން ވަރަށް ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ރާވައިފިއެވެ.
އުމުރުން 3 އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރަމްތަކުގައި ތަފާތު އަދި އެހާމެ ޝައުގުވެރި ކުރުވަނިވި ހަރަކާތްތަކެއް ރޭވިފައިވެއެވެ.
ހާއްސަ ފްރޮގްރާމް ތަކުގެ ތެރޭގައި 3 އަހަރާއި 4 އަހަރާއި ދެމެދު ގެ ކުދިންނަށް ފޮނިކްސް ކްލާހާއި 4 އަހަރާއި 5 އަހަރުގެ ކުދިންނަށް ރީޑިންގް އެންޑް ރައިޓިންގ ކްލާހުގެ އިތުރުން 5 އަހަރާއި 7 އަހަރުގެ ކުދިންނަށް ރެޑީފޯ ގްރޭޑް 1 ޕްރޮގްރާމް އަދި 7 އަހަރާއި 10 އަހަރުގެ ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔު ސިއްހަތެއްގެ މުހިންމުކަމަން އަންގައިދީ ކަސްރަތު ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަސްރަތު ކުލާހެއް "ފިޓްނަސް ފޯ ފަން" ގެ ނަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނޮވެމްބަރ 25 އިން ފެށިގެން 27 ޑިސެމްބަރުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މީގެ އިތުރަށް، އަންހެން ކުދިންނަށް ޙާއްސަކޮށްގެން 2 ކޭމްޕެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން 10 އަހަރާއި 13 އަހަރުގެ ކުދިންނަށް ޢަމާޒުކޮށްގެން "ވެލިޔު އެޑިޔުކޭޝަން" ނަމުގައި ޕްރޮގްރާމެއްވަނީ ރާވާފައިވާއިރު މިޕްރޮގްރާމްގެ އެންމެ މުހިންމު މަޤްސަދަކީ ކުދިން ބޮޑެތިވަމުން އަންނައިރު ރަނގަޅު އާދަތަކާއި ވެލިޔުސްތަކަށް އަހުލުވެރިކުރުން ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ.
ދެ ހަފްތާގެ މުއްދަތަކަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް މެދުވެރިކޮށް އަމިއްލަ ނަފްސަށް އިތުބާރުކޮށް، ޒިންމާދާރުވާނެ ގޮތް ދަސްކޮށްދީ ، އިޙްތިރާމް ކުރުމާއި އިޙްތިރާމް ލިބިގަތުމުގެ އިތުރުން ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން އުފާ ހޯދުމާއި ކެތްތެރިވުން ފަދަ ވެލިޔުސްތަކަށް އަލި އަޅުވާލާނެއެވެ.
އުމުރުން 13 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް "އިންޓަރނޭޝަނަލް ޑޭ އޮފް ދަ، ގާލް ޗައިލްޑް" ގެ މިއަހަރުގެ ޝިޢާރުކަމަށްވާ "ވިތް ހާ، އަ ސްކިލްޑް ގާލްފޯސް" އާއި ގުޅުވައިގެން ދެ ހަފްތާގެ ކޭމްޕެއް ވެސް ވިމެންސެންޓަރ އިން ވަނީ ރާވާފައެވެ. މި ކޭމްޕްގެ މަޤްސަދަކީ ފުރާވަރުގެ ކުދިން ސްކޫލް މާޙައުލު ނިންމާ މަސައްކަތުގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ކުއްޖާއަށް ދަސްކޮށްދިނުން ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ. މިގޮތުން މިޕްރޮގްރާމް ނިމޭއިރު ބައިވެރިވާ ކުދިންނަކީ މަސައްކަތުގެ މާހައުލަށް އަހުލުވެރިވެފައިވާ، އަމިއްލަ އަށް އިސްނަގާ، ކަންކަމުގައި ކެރޭ، އަދި މަސައްކަތުގެ މާހައުލުގަޔާއި ދިރިއުޅުމުގައި ދިމާވާނެ ގޮންޖެހުންތަކާ ކުރިމަތިލާން ކެރޭ ކުދިންތަކަކަށް ވާނެކަމަށް އެސެންޓަރުން މައުލޫމާތުދެއެވެ.
ސްކޫލް ބަންދާއި ދިމާކޮށް ވިމެންސެންޓަރ ގެ ފަރާތުން ބޭއްވުމަށް ރާވާފައިވާ ކޮންމެ ޕްރޮގްރާމެއްވެސް ރާވާފައިވަނީ އެކި ކަހަލަ އެކްޓިވިޓީސް، ގޭމްސް އަދި އެކްސްޕޯޝާރ އޭގެ ތެރޭގައި ހިމަނައިގެން ވަރަށް އިންޓެރެކްޓިވް ފޫހިނުވާނެ ގޮތަކަށް ކަމަށް އެސެންޓަރުން މައުލޫމަތު ދެއެވެ.
ވިމެންސެންޓަރގެ މިޕްރޮގްރާމްތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 7318383 އަށް ނުވަތަ "ވިމެންސެންޓަރބައިޔޫލިއާ" ފޭސްބުކް ޕޭޖް މެދުވެރިކޮށް މައުލޫމާތު ލިބިގެން ދާނެކަމަށް ވެސް އެސެންޓަރުން މައުލޫމަތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ