އައްޑޫގެ ގިނަ ވިޔަފާރިވެރިން ކަރަންޓު ބިލާ ހަވާލުވެއްޖެ

އައްޑޫގެ ދެ ވިޔަފާރިވެރިން ފިޔަވާ ދެން ތިބި ހުރިހާ ވިފާރިވެރިން ކަރަންޓު ބިލާ ހަވާލުވެއްޖެކަމަށް ފެނަކަ އިން މިއަދު ބުނެފިއެވެ.
މާރޗް މަހުން ފެށިގެން ވިޔަފާރިތަކުގެ ކަރަންޓް ބިލަށް އައި ބަދަލާ ގުޅިގެން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ކަރަންޓް ބިލްތަކާ ހަވާލު ނުވެ ތިއްބައި ފެނަކައިން ވަނީ ވިޔަފާރިކުރާ ތަންތަނުން ކަރަންޓް ކަނޑަން ފަށާފައެވެ.
މިކަމާ ގުޅިގެން ވިޔަފާރިވެރިން ވަނީ މިމައްސަލަ ކޯޓަށްވެސް ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން ހުކުމް ކޮށްފައިވަނީ ބިލާ ހަވާލުނުވާ ނަމަ، ކުންފުނީގެ ގަވާއިދުތަކުގެ ދަށުން ފެނަކައަށް ކަރަންޓް ކަނޑާލުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށެވެ.
މިކަމާ ގުޅިގެން ފެނަކައިގެ ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ) ވިދާޅުވީ ބިލާ ހަވާލު ނުވެ މިހާރު އޮތީ އެންމެ ދެ ތަނުން ކަމަށާއި އެއީ ސިމްޑީ ކުންފުނިން އައްޑޫގައި ހިންގާ ތަންތަނާއި ހިތަދޫގައި ކޮމްޕިއުޓަރު ސާމާނު ވިއްކާ އައިޓީ މާޓް ކަމަށެވެ.
އެފަރާތްތަކުން ބިލާ ހަވާލުވެފައި ނުވާތީ މިހާރު ވަނީ އެދެތަނުން ކަރަންޓް ކަނޑާލާފައެވެ. ސިމްޑީން ހިތަދޫގައި ހިންގާ އައިއެމްޑީސީ ހޮސްޕިޓަލަށް ކަރަންޓް ދެމުން އަންނަނީ އަމިއްލަ ޖަނަރޭޓަރަކުންނެވެ.
ވިޔަފާވެރިން ކަރަންޓް ބިލާ ހަވާލުވާން ދެކޮޅު ހަދައި، ބިލް ދައްކަން އިންކާރުކޮށްފައި ވަނީ ކުރިން އެންގުމަކާ ނުލައި ފެނަކަ އިން "ކުއްލިއަކަށް" ކަރަންޓް ބިލް ބޮޑު ކުރީ ކަމަށް ބުނެފައެވެ. ނަމަވެސް ފެނަކައި އިން ބުނީ އެކުންފުނިން ކަރަންޓްގެ އަގު ބޮޑު ނުކުރާ ކަމަށާއި ވިޔަފާވެރިންނަށް ކުރިން ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމުން ކަރަންޓް ބިލް ބޮޑުވީ ކަމަށެވެ. އެކަމަކު ވިޔަފާވެރިން ބުނެފައިވަނީ އެމީހުންނަށް ދުވަހަކުވެސް ކަރަންޓް ސަބްސިޑީއެއް ނުދޭ ކަމަށާއި ފެނަކަ އިން ހަޤީޤަތް އޮޅުވާލަނީ ކަމަށެވެ.
މާޗް މަހުން ފެށިގެން ބިލް ހަދަމުން އަންނަނީ އެނަރޖީ އޮތޯރިޓީން 2009 ގައި ފާސްކޮށްފައިވާ ޓެރިފްތަކަށް ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ