ރައީސް ޔާމީން އާއި އަފްރާޝީމްގެ މަރާއި ގުޅުވާ ފަރާތްތަކާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރަންޖެހޭނެ – މައުމޫން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އަޅުވާ ފަރާތްތަކާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ އިންތިޙާބުގައި ވާދަކުރައްވާ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ކެމްޕޭންގައި މ.އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އެދައްކަވަނީ ދޮގު އަދި ހުތުރު ވާހަކައެއް ކަމަށެވެ.
"އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅޭ ގޮތުން ވެސް އެ ދައްކަވަނީ މުޅިން ދޮގު ވާހަކަ. އެ ވަރުގެ ވާހަކައެއް ދެއްކެވިގެން ނުވާނެ. އެއީ މީހެއްގެ އަބުރާ ބެހޭ ގޮތުން ވަރަށް ހުތުރު ވާހަކައެއް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރި ކުރާ ވާހަކައެއް." ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ