ރޭ ހައްޔަރުކުރި މީހާ ގާސިމް މަރާލިކަމަށް އެއްބަސްވެއްޖެ

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މީހާ ގާސިމް މަރަލި ކަމަށް އެއްބަސްވެއްޖެއެވެ.
މަރާލާފައި އޮއްވާ ހުޅުމާލޭ މަގުމަތިން ގާސިމް ފެނިފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރެއެވެ. ގާސިމްގެ މަރުގެ މައްސަލާގައި ރޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް ހަސަންގެ މަރުގެ މައްސަލަގައި ރޭ ފުލުހުން ހައްޔަރު ކުރި މީހާ ގާސިމް މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ. އަދި ގާސިމްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފޮރެންސިކް ހެކިތައް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ، ގާސިމް ގަތުލު ކޮށްލި ވަގުތު އެމީހާ ލައިގެން ހުރި އަންނައުނު ގާސިމް މަރާލި ސަރަހައްދާ ކައިރި ހިއްސާބެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި މައްސަލައިގައި ފުލުހުންނަށް ހޯދިފައިވާ ހެކިތަކާއި ފޮރެންސިކް ތަހުލީލުތައް އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވިއެވެ.
މިމައްސަލައިގެ އިތުރު ތަފްސީލު ދެއްވުމަށް ފެށޭ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.
ގާސިމަށް ހަމަލާ ދިން ހަތިޔާރު ހޯދާފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. ހަތިޔާރު ހޯދީ ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިން ކަމަށާއި ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ރަހުމު ކުޑަގޮޮތަކަށް ތޫނު އެއްޗަކުން ކަރަށް ހަމަލާދިނުމުން ހުޅުމާލޭގެ ރީތިގަސް މަގަށް ގާސިމް ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ ހަތަރެެއްވީ ބުދަ ދުވަހުގެ ރޭ 21:07 އެހާއިރެވެ. ގާސިމް ފެނުނު ސަރަހައްދުގައި އޭނާ ދުއްވި ޓެކްސީވެސް އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ