ޝަރީއަތަށް ނުފޫޒް ފޯރުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒަރު ސްޕްރީމް ކޯޓުން ދީފި

ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާ ގުޅޭ ކަންކަމުގައި ބަޔާންދީ މީޑިއާގައި ޝާއިއުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން މިރޭ ދީފި އެވެ.
ސްޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ދައުލަތުގެ ވެރިންނާއި މުއައްސަސާތަކާއި އާންމު ފަރުދުން ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ)ގައި ސާފު ބަހުން ބުނެފައިވާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ކޯޓްތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރޭގައި ހުރިހާ އެންމެން ވެސް އަމަލުތަކާއި ބަސް މަގު ބެހެއްޓުމަށާއި ގާނޫނު އަސާސީއާ ހިލާފަށް ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އެންމެހާ އަމަލުތަކުން އެއްކިބާވެ ތިބުމަށް ތަކުރާރުކޮށް އަންގާ ކަމަށެވެ.
އެފަދަ އަމަލު ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެ ކަން އަންގާ ކަމަށް ސްޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން މިފަދަ ބަޔާނެއް ނެރުނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކޮށް ސާބިތުވެފައިވާ ހުސައިން ހުމާމްގެ މައްޗަށް އިއްވި ހުކުމާމެދު ޝަރުއީ މަރުހަލާގެ އެންމެ ފަހު ނިންމުން ނިންމުމަށް މަޖިލީހެއް ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލައިގެ ތަހުގީގު އަދި މުޅިން ނުނިމޭތީ ހުމާމުގެ މައްޗަށް ގިސޯސް ހިފަ އަދި ބޭނުން ނުވާ ކަމަށް ބުނެ ވާރިސުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ބެހޭ ގޮތުން އެކި ފަރާތްތަކުން ބަޔާންދީ ނޫސްތަކުގައި އެކަމާ ގުޅިގެން ތަފާތު ރިޕޯޓްތައް އާންމު ކުރުމުން ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ