18 ވަނަ މައިލޯ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.
މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މާލޭގެ 14 ސްކޫލަކުން އަންހެން ފިރިހެން އެއްކޮށް ޖުމްލަ 47 ސްކޫލަކުން ވާދަކުރެއެވެ. އަދި މުބާރާތް ކުރިއަށް ދަނީ ތިން އުމުރު ފުރައަކަށް ބަހާލައިގެން ކަމަށާއި އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރު ފުރާތައް ކަމަށް ބާސްކެޓް ބޯޅައެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިމުބާރާތުގައި އަންހެން 22 ޓީމް ވާދަކުރާއިރު، ފިރިހެން 25 ޓީމް ވާދަކުރެއެވެ.
މި މުބާރާތުގައި އިއްޔެ ހަ މެޗެއް ކުޅެނެވެ. އެގޮތުން، ފުރަތަމަ މެޗުގައި 12 އަހަރުން ދަށުގެ އަންހެން ބައިގައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައިސްކޫލް ބައްދަލުކުރި އިރު 14-6 ޕޮއިންޓުން ލާލޭ ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ.
ދެވަނަ މެޗުގައި 12 އަހަރުން ދަށުގެ ފިރިހެން ބައިން ކަލާފާން ސްކޫލުން 17-1 ޕޮއިންޓުން ތާޖުއްދީން ސްކޫލް ބަލިކުރި އިރު 14 އަހަރުން ދަށުގެ ފިރިހެން ބައިގައި އިސްކަންދަރު ސްކޫލުން ވަނީ 26-7 ޕޮއިންޓުން ދަރުމަވަންތަ ސްކޫލް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ ބާޝް އަޝްރަފް އެވެ.
އިއްޔެ ކުޅުނު ހަތަރުވަނަ މެޗުގައި 14 އަހަރުން ދަށުގެ ފިރިހެން ބައިން ގާޒީ ސްކޫލާ ވާދަކޮށް 23-10 އަކުން އިމާދުއްދީން ސްކޫލް މޮޅުވި އިރު ފަސްވަނަ މެޗުގައި 14 އަހަރުން ދަށުގެ ފިރިހެން ބައިން އަމީނިއްޔާ ސްކޫލް ވަނީ 37-9 ޕޮއިންޓުން އަހުމަދިއްޔާ އިންޓަނޭޝަނަލް ހައި ސްކޫލް ބަލިކޮށްފައެވެ.
އަދި އިއްޔެ ކުޅުން ފަހު މެޗުގައި 16 އަހަރުން ދަށުގެ އަންހެން ބައިގައި ބިލަބޮންގް ހައިސްކޫލާއި އިމާދުއްދީން ސްކޫލް ވާދަކުރި އިރު 17-71 ޕޮއިންޓުގެ ތަފާތު ބޮޑު ނަތީޖާއަކުން އިމާދުއްދީން ސްކޫލް ވަނީ މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމާދުއްދީން ސްކޫލްގެ މަރިޔަމް ޒައިނާ ސިރާޖް އެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައެވެ.
އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ