ޕީޕީއެމްގެ އަހަރީ ޖަލްސާ ޕާޓީ އޮފީހަށް ބަދަލުކުރަން މައުމޫން ފެކްޝަނުން ނިންމައިފި

ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަން އިއުލާންކުރައްވާފައިވާ ޕީޕީއެމްގެ ފަސްވަނަ އަހަރީ ޖަލްސާ އެޕާޓީގެ އޮފީހުގައި ބާއްވާ ގޮތަށް ބަދަލުކޮށްފައިވާކަމަށް މައުމޫން ފެކްޝަނުން ވަނީ ބުނެފައެވެ.
ކުރީން މި ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތީ ރައީސް މައުމޫން މިހާރު ދިރިއުޅުއްވަމުން ގެންދަވާ މ. އެންދެރިމާގޭގެ ގަރާޖުގަ އެވެ.
ރައީސް މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ހަމަޖައްސާފައިވާ އަބްދުލް އަލީމް ވިދާޅުވީ އެންދެރިމާގޭގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާ ޕީޕީއެމްގެ އޮފީސް ހިންގަމުން ގެންދާ ހ. ތެމާގައި ބާއްވަން ނިންމީ ރައީސް މައުމޫންގެ ފެކްޝަނުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. މިގޮތަށް ހަމަޖެއްސީ އެންދެރިމާގެ ހުންނަނީ ގްރީންޒޯނެއްގައި ކަމަށްވާތީ ކަމަށްވެސް ވިދާޅުވި އެވެ.
އަދި އެންދެރިމާގޭގައި ބޭއްވުމަށް ރައީސް މައުމޫން ނިންމެވީ މިޖަލްސާ ބާއްވާނެ ތަނެއް ހަމަޖައްސައިދިނުމަށް ހައުސިން މިނިސްޓްރީގައި އެދިގެން އެއްވެސް ތަނެއް ހަމަޖައްސައިދީފައި ނުވާތީ ކަމަށެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޖަލްސާ ބާއްވަން ރައީސް މައުމޫންގެ ފެކްޝަނުން ހައުސިން މިނިސްޓްރީގައި އެންމެ ފުރަތަމަ އެދުނީ ދަރުބާރުގެ ހަމަޖައްސައިދިނުމަށެވެ. ނަމަވެސް އޯލެވަލް ކުދިންގެ އިމްތިހާން ހިނގަމުންދާތީ ކަމަށް ބުނެ ދަރުބާރުގެ ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން މިމަހުގެ 18 ވަނަ ދުވަހު އަންގާފައިވާ ކަަމަށް ރައީސް މައުމޫންގެ ފެކްޝަނުން ވަނީ ބުނެފައެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ދެން އެދުނީ ކާނިވާ ސަރަހައްދު އެޕާޓީގެ ޖަލްސާ ބާއްވަން ހަމަޖައްސައިދިނުމަށެވެ. ނަމަވެސް މިސިޓީއަށް ޖަވާބު ދީފައި ނުވާ ކަމަށް މައުމޫން ފެކްޝަނުން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ އާންމު ޖަލްސާއެއް ބޭއްވުމަށް ރައީސް މައުމޫންގެ ފެކްޝަނުން ތައްޔާރުވަމުން މިދަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ