ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ކައުންސިލަރަކުވެސް ގަޑިޖެހޭނެ ކަމަށާ ކައުންސިލަރުންނަށް ވެސް މުސާރަ ދެމުން ގެންދާނީ ކުރާ މަސައްކަތަކަށް ބެލުމަށްފަހު ކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ގެންނަމުންދާ ބައެއް ބަދަލުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކައުންސިލަރުން ވެސް ހަމަޖެހިފައިވާ ގަޑިއަށް އޮފީހަށް ހާޒިރު ނުވާނަމަ ގަޑިޖެހޭނެ ކަމަށާ އެ ކައުންސިލަރެއްގެ މުސާރައިން ބައެއް އުނިވާނެކަން އަންގާ މިހާރު ހުރިހާ ކައުންސިލްތަކަށް އެކަމުގެ ލިޔުން ފޮނުވާފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ހަމައިން ނެއްޓިފައިވާ ލާމަރުކަޒީ ނިޒާމް ހަމަޔަކަށް އަޅުވާ، ހުރިހާ ދާއިރާއެއްގައި ހަމަހަމަކަން ގާއިމުކުރުމުގެ ބޭނުމުގައި ގެނެވޭ ބަދަލެއް ކަމަށެވެ.
"މިކަންކަން ތަންފީޒްކުރާނެ. މިކަމުގައި ހުރިހާ ކައުންސިލްތަކުގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ މީގެކުރިން ކައުންސިލަރުން އޮފީހަށް ނުނިކުމެ އެހެން މަސައްކަތްތަކުގައި އުޅޭކަމުގެ ޝަކުވާ ރައްޔިތުން ވަރަށް ބޮޑަށް ކުރާ ކަމަށާ ނަމަވެސް މިފިޔަވަޅުގެ ސަބަބުން އެކަންކަން ހައްލުވެގެންދާނެ ކަމަށެވެ.
"ބައެއް ކައުންސިލަރުން ގަވާއިދުން މަހަށްދާ ވާހަކަ ތިބޭފުޅުން އަޑުއައްސަވާނެ. އެކަން ދެން އެގޮތަކަށް ނުހިނގާނެ އިރާދަކުރެއްވިއްޔާ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ތިބި ގިނަ ކައުންސިލަރުންނަކީ ވަރަށް އަޚްލާގް ރަނގަޅު މަސައްކަތަށް ފަރުވާތެރި އަދި ރަށްރަށަށް ހިދުމަތް ކުރުމުގެ ރޫހު ހުރި ބޭފުޅުން ކަމަށެވެ. ނަމަވެސް ވަރަށް މަދު އަދަދެއްގެ ނަމަވެސް ކައުންސިލަރުން ސިޔާސީ ވިސްނުމުގައި ނުބައި މަގު އިޚްތިޔާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޮންނަ އުސޫލުތަކުގެ ބޭރުން ހަރަކާތްތެރިވާ ކައުންސިލަރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށާ މިހާތަނަށް 22 ކައުންސިލަރަކާއި ދޭތެރޭ ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
އެލްޖީއޭގެ ނިންމުންތައް ތަންފީޒްނުކުރާ ކައުންސިލަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅަމުން ގެންދާއިރު، އެލްޖީއޭއިން ދަނީ އެފަދަ ކައުންސިލަރުން ވަކި މުއްދަތަކަށް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަމުންނެވެ.
ކައުންސިލަރުންނަށް ދެން މުސާރަ ލިބޭނީ ކުރާ މަސައްކަތަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ