ނަޝީދު ދަނީ ޓެރެރިޒަމްގެ ހަރަކާތްތަކެއް ހިންގަމުން - ގާސިމް

ރާއްޖޭގެ ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު މުހައްމަދު ނަޝީދު ޓެރެރިޒަމްގެ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން އަދި ދައުލަތް މިދަނީ ނަޝީދާއި އޭނާގެ ބައިވެރިންގެ ޝިކާރައަކަށް ވަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ވެސްޓް ޕާކްގައިރޭ ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ ޓެރެރިޒަމްގެ ހަރަކާތްތައް މިއަދު ހުއްޓުވަން ޖެހިފައިވާ ކަމަށާއި އެކަންތައްތައް ހުއްޓުވަން ﷲގެ މަގުގައި ހައްގު ޖިހާދު ކުރަން ޖެހިފައިވާ ކަމަށެވެ.
"މިއަދު މިވަނީ ދިވެހިންގެ ދީނާއި ދިވެހިންގެ ގައުމީއްޔަތާ އާދަކާދަތަކާ ދިވެހިންގެ އިސްތިގުލާލު ހިމާޔަތްކުރަން ﷲގެ މަގުގައި ހައްގު ޖިހާދެއް ކުރަން ޖެހިފައި. ހަގީގަތުގައި ވެސް ގުރުބާނީ ތަކެއް ވާން ޖެހިފައި." ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ގުރުބާނީ އަކީ މި ގައުމަށް އަމާންކަން ގެނެސްދިނުމަށްޓަކައި އާއި ދިވެހިންގެ ދީނާއި އިސްތިގުލާލް ރައްކާތެރިކުރުމުގައި އާއި ހަމަހަމަކަމާއި އުހުވަތްތެރިކަމަށް ވާ ގުރުބާނީއެއް ކަމަށެވެ. އަދި އެ ގުރުބާނީއަކީ މިއަދު ތަހައްމަލް ކުރަމުން މި ގެންދާ އިގްތިސާދީ އަނދަވަޅުން އަރައިގަތުށްޓަކައި ވާ ގުރުބާނީއެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން މިކުރާ ދަތުރުގައި ސާބިތުވެ ތިއްބެވިއްޔާ ގައުމަށް އުފާވެރި ހިނތުންވުންތަކެއް ގެނެސްދޭނަން ކަމަށެވެ. އަދި އެޕާޓީން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އޮތީ ފިސާރި ތައްޔާރަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ރޭ ކޭކް ފެޅުން ވެސް އޮތެވެ. މި ހަފްލާގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި އެޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ