ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހޯދުމަށް މީރާއިން މެގަ މޯލްޑިވްސް އާ ދެކޮޅަށް ދައުވާކޮށްފިއެވެ.
މީރާ އިން މެގާ މޯލްޑިވްސް އާ ދެކޮޅަށް ދައުވާ ހުށަހަޅާފައިވަނީ، ވިތުހޯލްޑިންގް ޓެކްސް އާއި ޖޫރިމަނާ އާ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް އަދި ފީ (އެއާޕޯޓު ޓެކްސް އެންޑް ފީ)އާއި އޭގެ ޖޫރިމަނާ އަށްވާ ފައިސާއެވެ.
އެގޮތުން ވިތުހޯލްޑިންގް ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި، 63،798،446 ރުފިޔާ އާ، ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް އަދި ފީ (އެއާޕޯޓު ޓެކްސް އެންޑް ފީ)އާއި އޭގެ ޖޫރިމަނާގެ ގޮތުގައި 851،202ޑޮލަރާއި 2،800 ރުފިޔާ، ޖުމްލަކޮށް ބަލާ ނަމަ 76،926،780.84 ރުފިޔާ ހޯދުމަށް މީރާއިންވަނީ ހުށަހަޅާފައެވެ.
76.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މެގަ މޯލްޑިވްސް އަތުން ހޯދުމަށް މީރާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތައް އެ ކޯޓުންވަނީ ބަލައިގެންފައެވެ.
މީގެ އިތުރުން އެކުންފުނީގެ 33 މުވައްޒަފެއްގެ މުސާރައިން އުނިކުރި ފައިސާ ދިނުމަށް މެގަ މޯލްޑިވްސްގެ މައްޗަށް ވަނީ މިދިޔަ ހަފްތާ ތެރޭގައި ސިވިލް ކޯޓުން ހުކުމް ކޮށްފަ އެވެ. އެގޮތުން، 33 މުވައްޒަފުންގެ މުސާރައިން އުނިކުރި ޖުމްލަ 62،930.58 ޑޮލަރު (970،389.54 ރުފިޔާ) ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
މާލީ ދަތިތަކާ ހުރެ މެގަ މޯލްޑިވްސް އުވާލަން ނިންމާފައިވާކަން މިދިޔަ ފެބްރުއަރީ މަހު ވަނީ އިއުލާންކޮށްފައެވެ.
އެމެރިކާގެ ކުންފުންޏަކާއި ރާއްޖޭގެ އަމިއްލަ ފަރާތަކުން ގުޅިގެން އުފެއްދި މެގަ މޯލްޑިވްސް އެއާލައިންސްގެ އޮޕަރޭޝަންތައް ފެށީ 2010 ވަނަ އަހަރުއެވެ.
ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހޯދުމަށް މީރާއިން މެގަ މޯލްޑިވްސް އާ ދެކޮޅަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ