ކޯޓުން ނުފޫޒު ނުފޯރުވޭ ގޮތަށް، އިންތިހާބާ ބެހޭ ގައިޑްލައިން އެކުލަވާލަންޖެހޭ: އަލީ ވަހީދު

އިންތިހާބުގެ ކަންކަމަށް ނުފޫޒު ފޯރުވައި، ކޯޓުން އިންތިހާބު ނުހުއްޓުވޭގޮތަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ގައިޑްލައިން ނުވަތަ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ގޮވާލައްވައިފި އެވެ.
އެމްޑީޕީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބަކާ ކުރިމަތިލާއިރު، އިލެކްޝަންސް ކޮމިޝަން ވަރުގަދަކުރަން ޖެހޭ ކަމަށެވެ. މިހާރު ވެސް އެތަނުގެ ރައީސަކު ނެތް ކަމަށާއި ރައީސަށް ވީގޮތެއް ވެސް ސާފުނުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމު ހުސްވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ފުއާދު ތައުފީގުގެ މަގާމް ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުންނެވެ.
"އަޅުގަނޑުމެން ޑެސްޕަރޭޓް އިލެކްޝަނަކަށްދާކަށް ނެތިން. ވަގުތު އޮއްވައި އަޅުގަނޑު މި ދަންނަވަނީ އިލެކްޝަންސް ކޮމިޝަން ރިފޯމް ކުރުމުގެ މަސައްކަތް ދިވެހި ދައުލަތުން ފައްޓަވާށޭ. ދެން އަޅުގަނޑުމެން ކުޅޭނެ މެޗެއް ކުޅޭނީ، ކުޅޭނެ ދުވަހާއި ވަގުތާއި ކުޅޭނެ ގަވާއިދު ހުރިހާ އެންމެން އެއްބަސްވެ ހަދައިގެން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯޓުން ނުފޫޒު ނުފޯރުވައި މިހާތަނަށް ބޭއްވި އިންތިހާބުތައް ވަނީ އެމްޑީޕީ އަށް ކާމިޔާބުވެފަ އެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ގޮނޑި އާއި ކޮޅުފުށީ ބައި އިލެކްޝަން އެ ޕާޓީ އަށް ކާމިޔާބުވެފައިވާ ކަން އަލީ ވަހީދު ފާހަގަކުރެއްވި އެވެ.
އެ ކާމިޔާބީއާ އެކު އެމްޑީޕީ އަށް 12،000 މެމްބަރުން ވެއްދުމަށް މިއަދު މެންދުރު 12:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނީ 55 ޕަސެންޓަށް ވުރެ މަތިން، އެއްބުރުންނެވެ.
ސަރުކާރުގެ ކަންކަން ގޯހުން ގޯހަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، އަލީ ވަހީދު ވިދާޅުވީ "މަރުވިޔަސް ނުވިއަސް" އާ ސަހަރާ އަށް ފޮނުވާލުމުގެ ސިޔާސަތު ވެސް ތަންފީޒުކުރަމުން އަންނަ ކަމަށެވެ. މިފަދަ ކަންކަމުން ދައްކަނީ ސަރުކާރުގެ ޒިންމާދާރު ކަމެއް ނެތުން ކަމަށާއި މަރުނުވަނީސް މީހަކު އާ ސަހަރާ އަށް ވަޅުލަން ފޮނުވާލި މައްސަލަ ބަލައި ތަހުގީގުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޮތުގައި މާލޭގެ މަގުތަކުގައި ފެން ފޯއްރުއްތައް އިންދީ އެމްޑީޕީން ކަމަށްވާތީ، އެ ޕާޓީ އަށް ޖެއްސުންކުރަން އެ ރުއްތައް ކަނޑާލާނަމަ، އެމްޑީޕީގެ ސަރުކާރުން ހދ. ކުޅުދުއްފުށީ، ހިއްކި ސަރަހައްދާއި އައްޑޫގައި އެޅި ކޮންވެންޝަން ސެންޓަރާއި ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ވެސް "އުފުރާލަން" ޖެހެ އެވެ.
ރޭގެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ މާފުށީ ޖަލުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފައްދައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޖަލުގެ ކަންކަން ބޮއްސުންލައިގެން ދިޔައީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ