ގާސިމް އާއި ރިޔާޒްގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދިޔުމަށް ނަޝީދު ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދިޔުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.
ނަޝީދު މިކަމަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ގޮތުން ހައްޔަރުކުރެވި އަދި ދައުވާތަކެއް ކުރެވެމުންދާއިރު ވެސް ގާސިމް ދައްކަވާ ހިތްވަރަށް ސާބަސް ދެއްވާ ކަމަށެވެ. އަދި ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިޔުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
އަދި ރިޔާޒްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ވެސް ސިޔާސީ ދައުވާއެއް ކަމަށާއި މިއީ "ކެންގަރޫ ކޯޓުން" ދަމަހައްޓަމުންދާ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށެވެ.
މާމިނގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ، ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ހެނދުނު 11:30 ގައި ފެށުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
މި ކުށް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަވެގެން އެއް މަހާއި ހަ ދުވަަސް އަދި ދިގުވެގެން އެއް އަހަރުދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެ އެވެ. ޝަރީޢަތުގައި ދައުވާ އަށް އިއުތިރާފްވެއްޖެ ނަމަ އަދަބު ކުޑަ ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ