ގާޒީ ބާރީގެ ފޮޓޯ ނެގި މައްސަލާގައި އަޑުބަރޭ ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނެގިކަމަށް ބުނެ، ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ރޭ ދަންވަރު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އަޑުބަރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް އަޑުބަރޭގެ އާއިލާގެ މީހަކު ބުނީ އަޑުބަރޭ ހައްޔަރުކުރީ "ގާޒީއެއްގެ ފޮޓޯއެއް ނަގައިގެން" ކަމަށެވެ. އަޑުބަރޭ ހައްޔަރުކުރީ ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް، އޭނާ އުޅޭ ގެ ކައިރިން ކަމަށްވެ އެވެ.މި ސީޒަންގައި މާޒިޔާ އަށް ކުޅޭ އަޑުބަރޭ މި ހައްޔަރުކުރީ، ގާޒީ ބާރީގެ ފޮޓޯއެއް ނެގި ކަަމަށް ވިދާޅުވެ، އެ މައްސަލަ ބަލައި ދިނުމަށް ބާރީ ފުލުސް އޮފީހަށް ހުށަހެއްވުމާ ގުޅިގެންނެވެ.އަޑުބަރޭ ހައްޔަރުކުރިއިރު، އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް ކުޅުމަށްޓަކައި އިންޑިއާގެ ކަލްކަތާ އަށް މިރޭ އޭނާ ފުރުމަށް އޮތީ ނިންމައިފަ އެވެ.ގާޒީ ބާރީ: މީހަކު އޭނާގެ ފޮޓޯ ނަގައިގެން ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފައި ފުލުހުންނަށް ގާޒީ ބާރީ ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ ޖަސްޓިން ބިލްޑިންގް ކައިރީ އޮންނަ ގޯޅިގަނޑެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޭނާ ހުންނަވަނިކޮށް، ސައިކަލެއްގައި ދިޔަ މީހަކު، "ކަލޭމެން ގާޒީން ކަންތައް ކުުރާގޮތް އަހަރުމެންނަށް އެނގެއޭ" ބުނެ ބާރީގެ ފޮޓޯ ނަގާފައިވާ ކަމަށެވެ. އެ ސިޓީގައި ބާރީ ވިދާޅުވި ގޮތުގައި އެ މީހާ ފޮޓޯ ނަގާފައި ވަނީ "ކަލޭގެ ފޮޓޯ ނަގަން އެބަ ޖެހެއޭ، ކަލޭމެން ގާޒީން ކަންތައް ކުުރާގޮތް
އަހަރުމެންނަށް އެނގެއޭ، ކަލޭމެން ހަދާ އެއްޗެއް ހަދާށޭ، ތިމަންނަ ކަލޭގެ
ފޮޓޯ ނަގާނަމޭ" ބުނެ އެވެ.ކްރިމިނަލް ކޯޓުގެ ފަރާތުން ބާރީ
ސޮއިކުރައްވައި ފުލުހުންނަށް މައްސަަލަ ހުށަހަޅުއްވާފައި ވަނީ ނުރުހުމުގައި
ބާރީގެ ފޮޓޯ ނަގައި އިންޒާރުދިން ކަމަށް ވިދާޅުވެ އެވެ. އަދި
ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން
ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް
އޮފީހުގައި އެދިވަޑައިގެންފައިވެ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ އަދާލަތު
ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް 12 އަހަރުގެ ޖަލު
ހުކުމެއް އިއްވާފައިވާތީ ގާޒީ ބާރީއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް
އަމާޒުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ