ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް މިއަދު 15 ދުވަސް ޖަހައިދިނީ ފުލުހުން އެގޮތަށް އެދުމުންނެވެ. އަދި ޕީޖީ އޮފީހުގެ ވަކީލް ވެސް ވަނީ ފުލުހުން އެދުނު ގޮތަށް މުއްދަތު ޖަހައދިނުމަށް އެދިފަ އެވެ.
ގާސިމް ރޭ ހައްޔަރުކުރަން ކޯޓު އަމުރު ނެރުނީ ގާޒީ ބާރީ ކަމަށްވެފައި މިއަދު މުއްދަތު މަޖިލީހުގައި ވެސް އިނީ ބާރީ ކަމަށްވާތީ ގާސިމްގެ ގާނޫނީ ޓީމުން ވަނީ ޝަރީއަތުގައި އެކަން ފާހަގަކުރައްވާ ގާޒީ ބާރީ މިއަދުގެ ޝަރީއަތުގެ މަޖިލީހުން ތަނާޒިލްވުމަށް އެދިފަ އެވެ.
ފުލުހުން ވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭވެސް އިޝާ ނަމާދު ވަގުތާ ދިމާކޮށް ގާސިމް އިބްރާހީމް ހައްޔަރުކޮށްފަ އެވެ. އަދި އެފަހަރު ވަނީ ގާސިމްގެ ބަންދަށް ހަ ދުވަސް ޖަހާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރައްވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. މިފަދަ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށްވެސް މިމާއްދާގައިވެ އެވެ. ނަމަވެސް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ މިމާއްދާގައިވާ ގޮތަށް ޕީޖީގެ އެެއްވެސް ދައުރެއް ނެތި ފުލުހުން ސީދާ ކްރިމިނަލް ކޯޓަށް ގޮސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ދެއްވި ކޯޓު އަމުރެއްގެ ދަށުންނެވެ. ގާސިމް ރޭ ހައްޔަރުކުރީ ޕީޖީ މެދުވެރިކޮށް ހޯދި ކޯޓު އަމުރެއްގެ ދަށުންނެވެ. މިއަމުުރުވެސް ނެރެދެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.
-- ތަފްސީލް އަންނަނީ -
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަންދަށް 15 ދުވަސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ