ގާސިމް ފަރުވާއަށް ފޮނުވުން ލަސްވާ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އެކަށީގެންވާ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ނުދީ ލަސްކުރަމުންދާ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި ނަމަވެސް އެ ކޮމިޝަނުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
ގާސިމް އަށް ދިމާވެފައިވާ ހިތުގެ އާލާސްކަންފުޅެއްގައި  ހޮސްޕިޓަލުގައި އެޑްމިޑްކޮށްވައި އޮއްވާ ރިޝްވަތުގެ ތުހުމަތުގައި ދާދި ފަހުން އޭނާގެ މައްޗައް ވަނީ ޣައިރު ހާޒިރުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ގާސިމް އަށް ދިމާވެފައިވާ ހިތުގެ އާލާސްކަންފުޅަކީ ރާއްޖެއިން ފަރުވާ ހޯދޭނެ އާލާސްކަންފުޅެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ގާސިމަށް އެ ފަރުވާ ވީހާވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި އޭނާގެ ފަރުވާއަށް ރާއްޖެ އިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދިން ޓެސްޓުތަކާއި އޭނާއަށް ދޭންޖެހޭ ފަރުވާ އަށް ހުރަސްނާޅަން ބުނެފައެވެ. އަދި އެ ޓެސްޓްތަކާއި ފަރުވާ ގާސިމަށް ރާއްޖެ އިން ބޭރުން ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.
އެހެން ނަމަވެސް ގާސިމް ފަރުވާ އަށް ފޮނުވުން ލަސްވަނީ މެޑިކަލް ބޯޑުގެ ހުއްދަ ނުލިބިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.
ގާސިމްއަށް ބޭނުންވާ ފަރުވާ އަށް އޭޭނާ ބޭރަށް ފޮނުވުން ލަސްވަމުންދާތީ އާއިލާ އާއި އޭނާގެ ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއިލާއިން މީގެ ކުރިން ބުނީ ހުއްދަ ލިބުމާއެކު ހަމަ ވަގުތުން ފަރުވާއަށް ފުރަން ތައްޔާރަށް ތިބި ކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ