ހުޅުމާލެ ކޯޓުގެ ސައްހަކަމާއިމެދު ގޮތެއް ނިންމޭނީ ކޯޓުތަކަށް - ސުޕްރީމް ކޯޓު

ހުޅުމާލެ ކޯޓުގެ ސައްހަކަމާމެދު ނުވަތަ އެކޯޓަށް އައްޔަން ކުރެވިފައިވާ ބެންޗުގެ ސައްހަކަމާމެދު ޤާނޫނީ ގޮތުން ގޮތެއް ނިންމޭނެ ހަމައެކަނި ފަރާތަކީ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ޝަރުޢީ ކޯޓުތަކަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ބުނެފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޯޓުތަކުން ނިންމަންޖެހޭ އެއްވެސް ނިންމުމެއް، ވެރިކަން ހިންގުމުގެ ބާރުންކަމުގައި ވިޔަސް އަދި ޤާނޫނު ހެދުމުގެ ބާރުން ކަމުގައި ވިޔަސް ކުރާ ކުރުމަކީ ޤާނޫނީ ގޮތުން ސައްހަނޫން އޭގެ ޒާތުގައި ބާޠިލް އަމަލުތަކެއްކަމަށް މެނުވީ ނުވާނެ ކަމަށެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ކޮންމެ ބާރަކީވެސް ޤާނޫނުއަސާސީއިން ވަކި ޚާއްޞަ މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައިވާ ބާރުތަކަކަށް ވާއިރު އެއްވެސް ބާރަކުން އަނެއް ބާރުގެ މަސައްކަތުގެ ހުދޫދުގެ ތެރެއަށް ވަދެ އަލްޓްރާ ވައިރެސް ވުމަކީ އެކި އެކި ހަމަތަކަށް ބެލި ނަމަވެސް ހުއްދަ ކުރެވޭނެ ކަމެއް ނޫންކަން ސާފުކޮށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ ނައްސުތަކުން އެނގޭ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
އަދި ވެރިކަން ހިންގާ ފަރާތުން ނުވަތަ ޤާނޫނު ހެދުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ފަރާތުން އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މަސައްކަތުގެ ތެރެއަށް ވަދެ ޖުޑީޝަލް ފަންކްޝަން އަދާކުރަން ފަށައިފިނަމަ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ހުރަސްތަކެއް އެޅިދާނެ ކަމަށް ވެސް ސުޕްރިމް ކޯޓުގެ ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖޭގައި އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ކޯޓުތަކަށް ކަން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއިން އެނގެން އޮތްއިރު، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށް އެމާއްދާގެ (ށ) ގައި ކަނޑައަޅާ ބަޔާން ކުރުމަށްފަހު ޤާނޫނުއަސާސީ އާއި ޤާނޫނު މާނަ ކުރުމުގައި އަދި ޝަރީޢަތުން ބަލާ އެންމެހާ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ޤާނޫނުއަސާސިގެ 145 ވަނަ މާއްދާގެ (ނ) ގައި އޮޅުން ނާރާފަދަ ސާފުގޮތަކަށް ކަނޑައަޅާ ބަޔާންކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ