ވޯޓްކަރުދާސް ޕްރިންޓް ކުރިކަމަށް ބުނެ ހުށަހެޅުނު މައްސަލަ ކޯޓުން ބޭރުކޮށްފި

ރިޔާސީ އިންތިޚާބްގެ ފުރަތަމަ ބުރުގައި ހ.ދ ކުޅުދުއްފުށީގައި ވޯޓްކަރުދާސްކޮޅު ޕްރިންޓްކުރިކަމުގެ ތުހުމަތުގައި ދައުވާކުރަމުންދާ ދެމީހުންގެ މައްސަލަ ބެލުމުގެ އިޚްތިސާސް މިހާރު ގެއްލިފައިވާކަމަށް ކަނޑައަޅާ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ވޯޓް ކަރުދާސްކޮޅު ޕްރިންޓްކުރި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުޅުދުއްފުށީ މާވިނަ އަހްމަދު އާތިފް ހަމަ އެރަށު ބެނިސަން އަހްމަދު އަބްދުއްރަހީމްގެ މައްޗަށެވެ.
އެ މައްސަލަ ނިންމާ މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އެ މައްސަލަ ނުބެލޭނެކަމަށް ކަނަޑައެޅީ ރިޔާސީ އިންތިޚާބްގެ ފުރަތަމަ ބުރު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި، އިންތިޚާބީ ކުށްތައް ބެލުމުގެ ހަމައެކަނި އިޚްތިސާސް ލިބޭ ކޯޓަކީ ހައިކޯޓްކަމަށް އޮންނަ އޮތުމަކީ ގާނޫނު އަސާސީން ލިބިދޭ އިސްތިއުނާފުގެ ހައްގު ގެއްލޭކަމެއްކަމަށް ކަނޑައަޅާ އެކަމަކީ ދުސްތޫރީ ހަމަތަކާއި ހިލާފްކަމެއްކަމަށް ބުނެފައިވާތީކަމަށެވެ.
އެހެންކަމުން އިންތިހާބީ ކުށުގެ މައްސަލަތައް ބެއްލުމުގެ އަސްލީ އިޚްތިސާސް މިހާރު ގެއްލިފައިވާކަމަށާއި އިތުރަށް އެފަދަ މައްސަލަތައް ކުރިޔަށް ގެންދެވޭނެ ގާނޫނީ ހަމައެއްނެތްކަމަށްވެސް  ހައިކޯޓްގެ ހުކުމުގައިވެއެވެ.
އިންތިހާބް ބާތިލްކުރިކަން ކަނޑައަޅާ ސުޕްރީމްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އިންތިހާބުތަކާއިބެހޭ ޖިނާއީ ކުށްތައް  ބެލުމުގެ ބާރު ހަމައެކަނި ހައިކޯޓަށް ލިބިދީފައިވުމަކީ ގާނޫނޫ އަސާސީއާއި ތައާރަޒްވާކަމެއްކަމަށެވެ.
 
އަދި އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގެ ކޯޓަކުން ބެލުމަކާއި ނުލައި ހައިކޯޓުން ބެލުމަކީ ކޮންމެ މީހަކަށް ލިބިގެންވާ އިސްތިއުނާފްކުރުމުން ހައްގު ގެއްލޭކަމަށްކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުމްގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ