އިމްރާންއާއި ފާރިޝް ވަގުތުން މިނިވަން ކުރަން މައުމޫން ގޮވާލައްވައިފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ ބާރަ އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ އާއި، ކޮރަޕްޝަންގެ ތުހުމަތުގައި ޖަލު ބަންދެއްގައި ހުންނެވި ފާރިޝް މައުމޫން ވަގުތުން މިނިވަން ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަލުން އަނބުރާ ފާރިސް އާއި އިމްރާން މިއަދު ޖަލަށް ގެންދިޔުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ ދެ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް މައުމޫން ވަނީ ގޮވާލައްވާފައެވެ. އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު، އޭނާ ޖަލުގައި ހުއްޓާ ދަރިއަކު ލިބުނުތާ ދެތިން ދުވަސް ފަހުންނެވެ. އަދި ފާރިޝް ގޭބަންދަށް ބަދަލުކުރީ މި މަހުގެ 11 ވަނަ ދުވަހު، މާފުށީ ޖަލުގައި އޭނާ ހުންނެވި ބައި މަރާމާތުކުރާތީ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ. ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހުން ފެށިގެން ފާރިސް ހުންނެވީ ޖަލުގައެވެ. ރިޝްވަތުގެ ދައުވާގެ އިތުރުން ފާރިސްގެ މައްޗަށް ވަނީ ޝަހުސް އޮޅުވާލުމުގެ ދައުވާ ވެސް އުފުލާފައެވެ. އެ ދައުވާ ފާރިސްގެ މައްޗަށް ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުއްދަނެތި ބޭނުންކުރި މައްސަލައިގަ އެވެ. ދައުވާގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ