ގައުމަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި އޮންނެވުމަކީ މުޅި ދިވެހި ދައުލަތް ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ 30 އަހަރު ގައުމުގައި ވެރިކަން ކުރައްވައި އެކިގޮތްގޮތުން ރައްޔިތުންނަށާއި ގައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސް މައުމޫން ޖަލަށް ލައިގެން އުޅުމަކީ މުޅި ދައުލަތް އެކަމާ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބެންޖެހޭ ގަދަރާއި ޝަރަފެއް އޮންނަ ކަމަށާއި ރައީސް މައުމޫނަށް އެކަންކަން ސަރުކާރުން ނުދޭތީ ހިތާމަކުރައްވާ ކަމަށެވެ.
" ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން އެއުމުރުފުޅުގައި ޖަލުގައި އެކަހެރިކޮށް ބަހައްޓައިގެން ރައީސް ޔާމީން ކުރައްވާ ކަންކަން ވަރަށް ސާފު. މިއީ އެމަނިކުފާނުގެ ހިތްހަމަޖެހުމަށް ކުރައްވާ ކަމެއް " ހަސަން ވިދާޅުވިއެވެ.
އަނިޔާ ލިބޭ ތަން ބެލުމަކީ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވީ ރައީސް މައުމޫން ޖަލަށްލައިގެން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުވެސް ލަދުގަންނަން ޖެހޭ ކަމަށާއި ރައީސް މައުމޫން އެކަމަނާއަށް ކޮށްދެއްވާފައިވާ ކަންކަން ހަނދުމަފުޅު ނެތުނީތޯ ސުވާލު ދަންނަވަން ބޭނުން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
"ލަދުފުޅެއް ނުގަނޭތޯ. ރައީސް މައުމޫން ޖަލުގައި ބައިންދަވައިގެން ނިހާން ޕީޖީ ލީޑަރުކަމުގައި ހުންނަވަން ކުޑަކޮށްވެސް ލަދުފުޅެއް ނުގަނޭތޯ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމަށް ވެސް މިސުވާލު ދަންނަވަން ބޭނުން. ތިބޭފުޅުންނަށް ރައީސް މައުމޫން ކޮށްދެއްވި ކަންކަން އެކަނިމާއެކަނި އިންނަވައިގެން ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައްވައިގެން ވިސްނާވަޑައިގެންބައްލަވާ. ހަމައެއްވެސް އެއްޗެއް ހިތްޕުޅަށް އަރާވަޑައިނުގަންނަވަނީތޯ" ހަސަން ވިދާޅުވިއެވެ.
ރައީސް ޔާމީން ހިންގަވާފައިވާ ވައްކަމާއި ކޮރަޕްޝަންތައް ބަލާނެ ކަމަށާއި ނަމަވެސް ނާއިންސާފުން އެމަނިކުފާނާމެދު ވެސް ކަމެއް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ބޭނުންނުވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
މައުމޫން ކޮއްދެއްވާފައި ހުރި ކަންތައްތައް ހަނދާން ނެތުމުން ލަދުގަންނަން ޖެހޭ - އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ