ސުޕްރީމް ކޯޓު ހުކުމުގައި މެމްބަރުންގެ ގޮނޑިއާމެދު ގޮތެއް ނިންމާފައި ނެތް: ޕާޓީތައް

އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުން 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މާނަކުރަން ބޭނުންވިޔަސް މިއަދުގެ ހުކުމުގައި މެމްބަރުންގެ ގޮނޑިއާމެދު އެއްވެސް ނިންމުމެއް ނިންމާފައި ނެތް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމު ކަންކަން މަޖިލީހުގެ ދެބައިކުޅަ އެއްބައި ނުވަތަ 43 މެމްބަރުން ނެތި ނުނިންމޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ހަމަ މުގުރާލުމަކީ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަރަށް ބޮޑަށް ބޭނުންވި ކަމެއް ކަމަށެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން 43 މެމްބަރުން ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމާއި ބޮޑެތި ޖަރީމާތައް ހިންގަން ފުރުސަތު ނެތްކަން ޔަގީންވެއްޖެ ކަމަށެވެ.
އަމީތު ވިދާޅުވީ 12 މެމްބަރުންގެ ގޮނޑިއާމެދު ސާފު ޖަވާބެއް ރައްޔިތުން ބޭނުންވާ ކަމަށާއި ނަމަވެސް މިއަދުގެ ހުކުމުގައިވެސް މެމްބަރުންގެ ގޮނޑިއާމެދު އެއްވެސް ނިންމުމެއް ނިންމާފައި ނެތް ކަމަށެވެ. ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުން އަދިވެސް ދެމިއެބައޮތް ކަމަށް އަމީތު ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ޣައިރުގާނޫނީ ނިންމުމެއް. 13 ޖުލައި 2017 ގެ ކުރިން މެމްބަރުން ޕާޓީން ވަކިވުން ނުވަތަ ބަދަލުވުމުގެ ހުރިހާ މުއާމަލާތެއް އޮތީ ނިމިފައި. ހުރިހާ ކަމެއް އޮތީ ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ނިމިފައި. ފަހުން އަންނަ ގާނޫނަކުން އެހެންގޮތަކަށް ބަދަލުނުކުރެވޭނެ. ހުކުމުގައި ވަރަށް ސާފުކޮށް އޮތް 13 ޖުލައިގެ ފަހުން މެމްބަރަކު ކުރާ އަމަލެއްގެ މައްޗަށް ކަމަށް މެމްބަރުކަން ގެއްލޭނީ. އޭގެ ފަހުން މެމްބަރަކު އެފަދަ އެއްވެސް އަމަލެއް ނުކުރޭ. ކުރި ކަމެއް ކުރީ އިލެކްޝަންސް ކޮމިޝަނުން. ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުން ވަރަށް ގިނަ ގާނޫނީ ހަމަތައް ސާފުވެއްޖެ" އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާ އުވާލުމަށް ދައުލަތުން އެދުނު ނަމަވެސް އެމާއްދާ އުވުނު ކަމަށް ކޯޓަކުން ހުކުމް ކޮށްފައި ނެތް ކަމަށެވެ. އެމާއްދާ އުވުނީ ކަމަށް ނިންމީ އެންޓި ޑިފެކްޝަން ގާނޫނުގައި ހިމަނައިގެން ކަމަށާއި އެގާނޫނު ވުޖޫދު ވަންދެންވެސް އެމާއްދާ މެމްބަރުންގެ ހިމާޔަތުގައި އޮތް ކަމަށެވެ. އެހެންކަމުން މިނުކުތާއަށް އެކަނި ބެއްޔަސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް އަމީތު ވިދާޅުވިއެވެ.
މީގެ އިތުރަށް ގޮނޑީގެ މައްސަލާގައި މެމްބަރުން ސުޕްރީމް ކޯޓަށް ހުށަަހަޅުއްވާފައިވާ މައްސަލާގައި އަދިވެސް ގޮތެއް ނުނިންމާތީ އަމީތު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ގޮނޑި ގެއްލިއްޖެ ކަމަށް ގާނޫނާ ޚިލާފަށް ކަނޑައަޅައި 12 މެމްބަރުންނަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ނުދިނުމުން ގެއްލިގެންދަނީ 60،000 ރައްޔިތުންގެ ހައްގު ކަމަށް އަމީތު ވިދާޅުވިއެވެ. އަދި އެމައްސަލަ އަވަހަށް ނިންމައިދިނުމަށް ސުޕްރީމް ކޯޓަށް އަމީތު ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ