ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ހެއްކެއް ނެތިގެން، ފުލުހުން މިފަހަރު ވެސް އުފެއްދީ ޚިޔާލީ ތުހުމަތުތަކެއް ކަމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވީ, ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މައުމޫންގެ މައްޗަށް ހިންގާ ތަހުގީގާ ގުޅޭ އިއްޔެ ފުލުހުން އާ ވާހަކަތަކެއް އާއްމުކުރުމާގުޅިގެން އެވާހަކަތަކަށް އިޝާރާތްކުރައްވަމުންނެވެ.
ފުލުހުންގެ އިދާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ، އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރުމުގެ މަސައްކަތް މައުމޫން ފެއްޓެވީ ނައިބު ރައީސަކަށް އަހުމަދު އަދީބު އައްޔަން ކުރި ހިސާބުން ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް މައުމޫން ހުށަހަޅުއްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ދީފައިނުވާ މިބައްދަލުވުމުގައި ފުލުހުން ބުނީ, ވެރިކަން ވައްޓާލަން މައުމޫނާ އެކު އާއިލާގެ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ހައްޔަރުކޮށްފައި ވަނީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.
ފުލުހުންގެ މި ތުހުމަތުތަކާ ގުޅިގެން ވަކީލް މައުމޫން ހަމީދު "މިހާރު" ނޫހަށް ވިދާޅުވިގޮތުގައި ކޮންމެ ފަހަރަކު ވެސް އާ ވާހަކަތަކެއް ފުލުހުން އާއްމުކުރި ނަމަވެސް ޖިނާއީ އެއްވެސް އަމަލެއް މައުމޫން ހިންގަވާފައި ނުވާނެ ކަމުގައެވެ. އެ ވާހަކަފުޅު، ފުލުހުންނާއި ކޯޓުތަކުގައި ވެސް މައުމޫން ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ކަމަށް ވެސް ވަކީލް މައުމޫން ވަނީ ވިދާޅުވެފައެވެ.
"ކޮންމެ ފަހަރަކު ވެސް އެ ވަގުތަކު އެ ބޭފުޅުން [ފުލުހުން] ހިތްޕުޅަށް އަރާވަޑައިގެންނެވި އެންމެ މޮޅު ހިޔާލެއް، އެންމެ މޮޅު ވިސްނުންފުޅަކަށް ކަންކަން ކުރައްވާފައި، ފަހުން ރަނގަޅަށް ގާނޫނީ ނަޒަރަކުން ބައްލަވާއިރު އެނގިވަޑައިގަންނަވަނީ ގޯސްކަން، މިކަމެއް ކުރިއަށް ގެންދެވޭކަށް ނެތް ކަން. އެހެންވެ އަނެއްކާވެސް އިތުރު އެހެން ގޮތްތަކެއް ބައްލަވަނީ،" މިހާރު ނޫހުގައި މައުމޫން ހަމީދު ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންގެ ދައުވާ އަކީ މުޅިން ވެސް އޮޅުވާލުންތަކެއް ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބަހުއްޓެވެ. އެއީ، މައުމޫނާއި ފާރިސް އަދި ނަދީމަށް ކޮށްފައިވާ ތުހުމަތުތަކާއި ޝަރީއަތްތައް ހިންގަމުންދާ ގޮތުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މިސާލެއް ދައްކަވަމުން، ރިޝްވަތުގެ ތުހުމަތުގައި ފާރިސް ބަންދުކޮށް، އޭނާއާ ދެކޮޅަށް ހެކި ހުރި ކަމަށް ފުލުހުން ބުނާއިރު، ދައުލަތުން ހުށަހެޅި ހެކިވެރިޔާގެ ހެކި ބަހުގައި ފާރިސް ރިޝްވަތު ހުށަނާޅާ ކަމަށް ބުނެފައިވުން މައުމޫން ފާހަގަކުރެއްވި އެވެ. އެހެންކަމުން އެއީވެސް ހެއްކެއް ނެތީސް ފާރިސްއާ ދެކޮޅަށް އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށް މައުމޫން ތުހުމަތު ކުރެއްވި އެވެ.
މައުމޫނާއި އަދީބާ ގުޅުވައި ތުހުމަތުތަކެއް ފުލުހުން ކޮށްފައިވާ ކަން ފާހަގަކުރައްވައި ވަކީލް މައުމޫން ވިދާޅުވީ މައުމޫނަކީ އަބަދުވެސް ގާނޫނީ، ރަނގަޅު ވެރިކަމަށް ބާރު އަޅުއްވާ ބޭފުޅެއް ކަމަށެވެ. ފުލުހުން ކުރި ތުހުމަތުގެ މަގްސަދަކީ، މައުމޫނާއި އަދީބު ސިޔާސީ ގޮތުން ޖެއްސުވުން ކަމަށް ވެދާނެ ކަމަށް ވެސް ވަކީލް މައުމޫން ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި މައުމޫނާއި ފާރިސާއި ނަދީމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެއީ، އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ.
މައުމޫނާ ދެކޮޅަށް ހެއްކެތް ނެތިގެން މިފަހަރު ވެސް އުފެއްދީ ހިޔާލީ ތުހުމަތުތަކެއް: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ