ސުޕްރީމް ކޯޓުގެ ޕެޓީކޭޝް ހަތަރު ފަނޑިޔާރަކު މެންދުރު ކެއުމަށް ބޭނުންކުރާ މައްސަލައެއް އޭސީސީއަށް
ސުޕްރީމް ކޯޓުގެ ޕެޓީ ކޭޝްގެ ގޮތުގައި ބޭނުން ކުރަން ބަހައްޓާފައިވާ ފައިސާ އެ ކޯޓުގެ ހަތަރު ފަނޑިޔާރަކު މެންދުރުގެ ފަރިއްކޮޅަށް ހަރަދު ކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި އެވެ. އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުން އެ ހަތަރު ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ. އެ ސިޓީގައި ބުނެފައިވަނީ އެ ހަތަރު ފަނޑިޔާރުންނަށް މެންދުރުގެ ފަރިއްކޮޅު ގެނުވަނީ ސުޕްރީމް ކޯޓުގެ މުވައްޒަފަކު ލައްވައި އެ ކޯޓުގެ ވޭނުގައި ހުޅުމާލޭގައި ހުންނަ ބޮމްބޭ ދަރުބާރަށް ފޮނުވައިގެން ކަމަށެވެ. "މިހަތަރު ފަނޑިޔާރުން ފަރިއްކުޅުވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތެރޭގަ އެވެ." އާންމު ފަރާތަކުން އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވެ އެވެ. އެ ފަރިއްކޮޅުގަިއ ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ބައިވެރި ނުވާ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ. އެ މައުލޫމާތު އަމިއްލަ ފަރާތުން އޭސީސީއަށް ފޮނުވާފައިވަނީ އެ ކޯޓުގެ މުވައްޒަފަކާ ހަވާލާދީ އެވެ. ނަމަވެސް މުވައްޒަފުގެ ނަމެއް ހާމައެއް ނުކުރެ އެވެ. އޭގެ އިތުރުން ފަނޑިޔާރުން ފަރިއްކުޅުވަން ބޭނުންވާ އެއްޗެއް ހުރި ކޮންމެ ތާކުން ހޯދުމަށް އެ ކޯޓުގެ ވޭނުގައި އެ ކޯޓުގެ މުވައްޒަފުން ފޮނުވުމަކީ މުވައްޒަފުންނާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް އެސިޓީގައި ވަނީ ބުނެފަ އެވެ. ސިޓީގައި އަމިއްލަ ފަރާތުން އެދިފައިވަނީ އެ ހަތަރު ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައާއި، މުވައްޒަފުންނާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ އޭސީސީއިން ބަލައި ފިޔަވަޅު އަޅައިދިނުމަށެވެ. އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ސުލޫކީ މައްސަލަތަކެެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންވެސް އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ