ސިއްހީ ހާލުކޮޅު ބޮޑުވުމާ ގުޅިގެން ފަރުވާއަށް ނަވާޒް ޝަރީފް ލަންޑަނަށް ވަޑައިގަންނަވަނީ

އިސްލާމް އާބާދު (ނޮވެމްބަރު 9) : ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް އިނގިރޭސިވިލާތުން ސިއްޙީ ފަރުވާ ހޯދުމަށްޓަކައި ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދި ހުށަހަޅާފައިވާކަން އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ. ނަވާޒް ޝަރީފުގެ އާއިލާއިން ބުނީ ނަވާޒް ޝަރީފަށް ސިއްޙީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށާ އޭގެތެރޭގައި ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތައް ހިމެނޭކަމުގައެވެ. ނަވާޒް ޝަރީފަކީ ދެހާސް ސޯޅަވަނަ އަހަރު ލަންޑަންގެ ހޮސްޕިޓަލަކުން ހިތްޕުޅުގެ ބައިޕާސް އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ. ނަވާޒް ޝަރީފުގެ އާއިލާއިން މިހެން ބުނެފައިވާއިރު ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ޤުރައިޝީ ވަނީ ސިއްޙީ ފަރުވާ ހޯދުމަށްޓަކައި ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނަވާޒް ޝަރީފަށް ދޭނެކަމަށާ އެކަން ސަރުކާރުން އޭނާގެ އާއިލާއަށް ވަރަށް އަވަހަށް އަންގާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤުރައިޝީ ވަނީ ބޭސްފަރުވާ ގެ ނަމުގައި ގައުމުން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިނުގެން ކޮރަޕްޝަނުގެ މައްސަލައިން ފިއްލެވުމަށް ނަވާޒް ޝަރީފް މަސައްކަތް ކުރައްވަފާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން ފަރުވާ ހޯދުމަށް ޓަކައި ގައުމުން ބޭރަށް ވަޑައިގަތުމަކީ ކޮރަޕްޝަނުގެ މައްސަލައިން ފިއްލެވުމަށް ކުރައްވާ ކަމަށް ނުހެއްދެވުމަށް ގުރައިޝީ ނަވާޒް ޝަރީފުގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ނަވާޒް ޝަރީފުގެ ހާލުކޮޅު މިހާރު ހުރިގޮތުން އޭނާއަށް ބޭރުން ފަރުވާ ބޭނުންވާކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަށް ރިއާޔަތްކޮށް އާއިލާގެ އެދުމުގެ މަތިން ގައުމުން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ މިހަފްތާ ތެރޭގައި ނަވާޒް ޝަރީފަށް ދިނުމަށް ޕާކިސްތާން ސަރުކާރުން ނިންމާފައިވާކަމަށް ޚަބަރު ލިބެއެވެ. ކޮރަޕްޝަނުގެ ކުށް ސާބިތުވެގެން 7 އަހަރުގެ ހުކުމެއް ތަންފީޒް ކުރައްވާ ނަވާޒް ޝަރީފް މީގެ 2 ހަފްތާކުރިން ލާހޯރުގެ ސާވިސަސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޖަލުގައި ފަރުވާދެނިކޮށް ހިތް ހުއްޓުމުގެ މައްސަލައެއް ކުރިމަތިވެގެންނެވެ. އެ ހޮސްޕިޓަލްގެ އައިސީޔޫގައި އެނދުމަތިކޮށްގެން 2 ހަފުތާގެ މުއްދަތަށް ފަރުވާ ދިނުމަށްފަހު ޑޮކްޓަރުން އެދިފައިވާ ގޮތަށް ނަވާޒް ޝަރީފުގެ ގެކޮޅުގައި ޚާއްސަ އައިސީޔޫ އެއް ތައްޔާރުކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އޭނާވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ. ޕަންޖާބުގައި ހުންނަ ނަވާޒް ޝަރީފުގެ ގެކޮޅުގައި ގާއިމްކޮށްފައިވާ ޚާއްސަ އައިސީޔޫ އެއް އޭނާއަށް ފަރުވާ ދެމުން ގެންދަނީ ހިތުގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރުން އެގޭގައި ބައިތިއްބައިގެންނެވެ. ޕާކިސްތާނުގައި މިހާތަނަށް ނަވާޒް ޝަރީފް ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. ނަވާޒް ޝަރީފުގެ މަގާމު އެންމެފަހުން ގެއްލުނީ 2017 އަހަރުގެ ޖުލައި މަހު އޭނާއަކީ ކޮރަޕްޝަނާ ގުޅިގެން ބޮޑުވަޒީރުކަމަށް އަހުލުވެރި ބޭފުޅެއް ނޫންކަމަށް ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އަމިއްލައަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ