ރައްޔިތުންގެ މަޖިލީހުން ކުރާ ހުރިހާ މަސައްކަތްތައް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ދެން ފެނިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތަކާއި ގުޅޭގޮތުން އެކުލަވާލި ފޮތް ނެރުމަށާއި އާ ވެބްސައިޓްގެ ފީޗަރސްތައް ދައްކާލުމަށް އަދި 19 ވަނަ ެރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ޤާނޫނު އަސާސީގައި މަޖިލީހުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ބާރު އަޅާފައިވާއިރު އެކަން ފުރިހަމަ ވެގެންދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މުހިންމު ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމުގައެވެ. އެގޮތުން މެމްބަރުންނާއި މަޖިލީހުގެ މުވައްޒަފުން މަޖިލީހުގެ އިދާރާއަށް ވަންނައިރު ސްކްރީން ކުރާގޮތަށް ނިންމާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އާންމު ކޮމެޓީންވެސް ވަނީ އެކަން ނިންމަވައި ދެއްވާފައި. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އެކަމަށް ބޭނުންވާ ބަޖެޓް ހޯދުމަށް ދަންނަވާފައި. އެކަންކަން ވަރަށް ފުރިހަމައަށް ކޮށްދެއްވާނެކަމުގެ އިޝާރާތް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. ހަމައެހެންމެ މިއިމާރާތަށް ކުރެވުނު މަރާމާތައި އަލަށް ބެހުއްޓުނު ކޮންފެރެންސް ސިސްޓަމާއި މުޅި ޓީވީ ސިސްޓަމާއި ކެމެރާ ކުރުމާއި މިހުރިހާ ނިޒާމެއް މިހާރު މިވަނީ ބަދަލުވެފައި" ގާސިމް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާއަށް މިގެނެވުނު ބޮޑެތި ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވި އެހީތެރިކަމަށް ގާސިމް ވަނީ ރައީސްއަށް ތައުރީފްކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މިބަދަލުތައް ގެނައުމަށް މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި މުވައްޒަފުން ކުރި މަސައްކަތްތައް ފާހަގަ ކުރައްވާ އެބޭފުޅުން ނަށްވެސް ގާސިމް ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުވުމުގައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން އެކުލަވާފައިވާ ފޮތެއް ނެރެފައެވެ. މިފޮތް ނެރެދެއްވާފައިވަނީ ގާސިމް އިބްރާހީމެވެ. ގާސިމްގެ ލަފާފުޅާއެކު އެކުލަވާލި މިފޮތަކީ ކުރު މުއްދަތެއްގެ ތެރޭގައި މަޖިލިހުގެ ހުރިހާ ސެކްޝަނަކުން މަސައްކަތްކޮށްގެން ތައްޔާރު ކުރި ފޮތެއްކަމަށް މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވިއެވެ.
މި ފޮތުގައި ބިލްތަކާއި ގަރާރުތަކާއި ފާސްނުކުރާ ބިލްތަކާއި ފޮޓޯތަކާއި ބައްދަލުވުންތައް ހިމަނާފައިވެއެވެ. އަދި މަޖިލިހުގެ އިދާރާއަށް ގެނައި ބަދަލުތަކުގެ މައުލޫމާތުތައް ފޮތުގައި ހުންނާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. މިފޮތުގެ ސޮފްޓް ކޮޕީވެސް ވަނީ ނެރެފައެވެ.
މިބައްދަލުވުމުގައި މަޖިލީހުގެ އާ ވެބްސައިޓްގެ ފީޗަރސްތައްވެސް ވަނީ ދައްކާލާފައެވެ. މަޖިލިހުގެ އާ ވެބްސައިޓަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ މަޖިލިހުގެ ޖަލްސާތައް ލައިވްސްޓްރީމްކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މިގޮތުން ވެބްސައިޓުންނާއި ފޭސްބުކް އަދި ޓްވިޓަރ އާއި ޔޫޓިޔުބުން މަޖިލީހުގެ ޖަލްސާތައް ލައިވް ސްޓްރީމްކޮށް ދައްކަމުން ދާނެކަމަށް ޒިޔާއު ވިދާޅުވިއެވެ. އަދި ކޮމިޓީތަކުގައި ހިނގާ ކަންތައްތަކުގެ އޯޑިއޯ ލައިވްކޮށް، މަޖިލިހުގެ ވެބްސައިޓުން އިވިގެން ދާނެ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ. ކުރިޔަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި މަޖިލީހުގެ ކޮމެޓީ ރޫމްތަކުގައި ވީޑިއޯ ސިސްޓަމްތައް ގާއިމްކުރެވި ވަގުތުން ކޮމެޓީ ބައްދަލުވުންތައްވެސް ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ޒިޔާޢު ވިދާޅުވިއެވެ.
އާ ވެބްސައިޓުގައި ކޮންމެ މެމްބަރަކަށް ޕްރޮފައިލް ޕޭޖެއް ހަދާފައި ވެއެވެ. އަދި އެ ޕޭޖް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ހުންނާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
މީގެއިތުރުން ބިލެއްގެ ފުރަތަމަ ކިޔުން އިއްވާ ހިސާބުން އެބިލަށް ވެގެންދާގޮތް ވެބްސައިޓުން ތަފްސީލުކޮށް ފެންނަން ހުންނާނެކަމަށް ޒިޔާޢު ވިދާޅުވިއެވެ.
މަޖިލީހުގެ އާ ވެބްސައިޓް ބޭނުންކުރެވޭނީ 19 ވަނަ މަޖިލީސް ހުވާކުރުމަށް ހަމަޖެހިފައިވާ 28 ވަނަ ދުވަހުގެ ރޭގެ އެޖަލްސާގެ ތެރެއިންނެވެ.
މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ހާމަކަންބޮޑު ގޮތެއްގައި ދެން ފެނިގެންދާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ